ރައްޔިތުންގެ ބައިވެރިވުން ބޮޑު ރިޔާސީ އިންތިހާބެއްގެ ވޯޓަކަށް ފަހު އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުން ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް-ޕީއެންސީން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ދައްކައިދިނީ ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށް އެ ރައްޔިތުން ބޭނުންވާ މިންވަރު ކަމަށެވެ.
"މިއީ ރިޔާސީ ނިޒާމެއް. ރައްޔިތުން ނިންމީ ރިޔާސީ ނިޒާމަކުން 240،000 އެއްހާ މީހުން ނުކުމެ ވޯޓުލާފައި މިއޮތީ. މި ގައުމުގެ ރައްޔިތުން ބޭނުންވަނީ މި ގޮތް. އެހެންވީމާ މި ގޮތުގައި މި ގައުމި ހިނގާނީ، މި ގައުމުގެ ރައްޔިތުން ބޭނުން ނުވޭ އިރުއިރުކޮޅާ އެކި ގޮތަށް ވާހަކަ ދައްކާކަށް. އިރުއިރުކޮޅާ އެކި ގޮތަށް މިކަން އޮންނާކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވި އިރު، އެމްޑީޕީގެ ބައެއް މެމްބަރުންނާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުން، ރައްޔިތުންގެ މަޖިލީހުން ވަނީ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 30ގެ ކުރިން ނެގުމަށް ގަރާރެއް ފާސްކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ، ނިޒާމު ބަދަލުކުރުމަށް ތާއީދުނުކުރައްވާ ކަމަށް މިއަދު ވިދާޅުވެފައެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް މަސައްކަތްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު