އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރަން ގޮވާލައި އެއްވުންތައް ނުބޭއްވުމަށް ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް-ޕީއެންސީން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވިދާޅުވީ، ރައީސް ކަމަށް އިންތިހާބުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުުމުގައި ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލައްވާފައިވާނެ ކަމަށާއި ޖެހިގެން އައި ދުވަހު އެ މަނިކުފާނު ގެކޮޅަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އެއާއެކު ރައީސް ޔާމީން މިނިވަންވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ މިކަން މިގޮތަށް ކަންތައް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންގެ ދެ ޕާޓީގެ މެންބަރުންގެ ކިބައިން އެދެން ދެއްވުމަށް. އޭގެން ބޭރުން މަގުމައްޗަށް ނުކުމެ އެކި ކަހަލަގެ ޖަލްސާތައް ބާއްވައި އަޑުގަދަކޮށް ހިނގާލުން ބާއްވައި ހެދުމަކަށް އަޅުގަނޑު ނޭދެން، އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މިކަން ރީތި ގޮތުގައި ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައިގައި އެމަނިކުފާނު ވަކި މަގަކުން ހިންގަވައި، އަދި ދެ ޕާޓީގެ މެންބަރުން ވަކި މަގަކުން ހިންގަވާނަމަ ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި "ވާނުވާ ބަންދު"ގެ ނިޒާމު ރާއްޖެއިން ފޮހެލައްވައި ފަނޑިޔާރުގެތައް މިނިވަންކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު