ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ޝަރީފަށް ހަމަލާދީފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު މެންހަޓަންގެ ތެރޭގައި އޭނާ ހުންނަވަނިކޮށެވެ. އެ ހަމަލާއާ ގުޅިގެން ޝަރީފުގެ ވާތު ލޮލާ ދިމާ ވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފައެވެ. އަދި ނޭފަތްމަތިންވެސް ބައެއް ޒަހަމުތައް ފެންނަން ހުއްޓެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން މިއަދު ފުލުހުން ވަނީ 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ޝަރީފްގެ އިތުރުން ހަމަ އެ ދުވަހު ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް އަދި ކަށަވަރެއް ނުވެއެވެ.
އެ މައްސަލަތަކާ ގުޅިގެން އެ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކުގެ ހަރަކާތްތައް މާލޭގައި އެ ދުވަހު އިތުރުވަމުންދާ ކަމަށް ފާހަގަކުރެވުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުަގއި ތަހުގީގުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު