ޚަބަރު

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށްގެންދަން ކޮމިޓީއެއް އުފައްދައިފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ރައީސް ސޯލިހު، ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވައި ވަނީ ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރަން ޖެހޭ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން މިކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވާފައިވާ ކަމަށާއި މި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޒު އަލީ ޒާހިރު ކަމަށާއި އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އިންތިހާބުގެ ނަތީޖާ ރައީސް ސޯލިހު ގަބޫލުފުޅު ކުރައްވައި އެ މަނިކުފާނަށް ރައީސް ސޯލިހު ގުޅުއްވީތީ އުފާކުރައްވާ ކަމަށް ވިދާޅުވެ އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އިންތިހާބުގެ ހުރިހާ ކަމެއްވެސް ހިނގައި ދިޔައީ ވަރަށް ރަނގަޅަށްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަންވެސް ވީހާ އޮމާންކަމާއެކީގައި ގެންދިޔުމަށް ބޭނުންފުޅުވާ އެއްބާރުލެއްވުން، އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޗީފް އޮފް ސްޓާފް އަލްއުސްތާޒު އަލީ ޒާހިރާއި ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.