ރިޕޯޓް

ފޮތް އަލަމާރި: މަދީނާގެ އިސްލާމީ ދައުލަތް

ޢަބްދުﷲ ނަޢީމު އިބްރާހީމް

ފޮތުގެ ނަން: މަދީނާގެ އިސްލާމީ ދައުލަތް

ލިޔުންތެރިޔާ: ޢަބްދުﷲ ފާރޫޤް ޙަސަން

ސަފުހާގެ ޢަދަދު: 283

"މަދީނާގެ އިސްލާމީ ދައުލަތް" މި ފޮތަކީ ދިވެހި އިސްލާމީ ލައިބްރަރީއަށް އިތުރުވީ ވަރަށް މުހިއްމު ފޮތެކެވެ. މި މައުޟޫއުގެ މައްޗަށް މީގެ ކުރިން ދިވެހިބަހުން އަދި ފޮތެއް ލިޔެފައެއް ނެތެވެ. ފޮތަކީ ދިވެހިރާއްޖެއަށް ބޭނުންވެފައިވާތާ އެތައް ޒަމާނެއް ވެއްޖެ ފޮތެކެވެ. މިއީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވުމާއެކު އިސްލާމީ ވެރިކަމެއް ގާއިމުވެފައި އޮންނަ ޖެހޭ ކަމަށް ދެކެވޭ ވާހަކަތައް ދޭތެރެދޭތެރެއިން ފެންމަތިވެ ބާރަށް ކެވެމުން ދެއެވެ. ސަބަބަކަށް ވަނީ ވެރިކަމާއި ވެރިކަމުގެ ނިޒާމާ މެދު އަޅުިގަނޑުމެންގެ ހިތުގައި އޮންނަ ފޫހިކަމާއި ނުގަބޫލުކަމެވެ. އެ ފޫހިކަމާއި ނުގަބޫލުކަން އުފެދެނީ ޠަބީޢީ ގޮތުންވެސް އަޅުގަނޑުމެންގެ ހިއްސުތަކަށް ރަނގަޅަށް ނުފެތޭފަދަ ކަންތައްތަކެއް ކުރިމަތީން ފެންނާން ފެށީމައެވެ.

މި ފޮިތަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާގައި ގާއިމުކުރެއްވި އެންމެ ފުރަތަމަ އިސްލާމީ ވެރިކަން ގާއިމު ވެގެން ދިޔަ ގޮތާއި އެ ވެރިކަމުގައި ހުރި ފުރިހަމަ ސިފަތައް ކިޔައިދީފައިވާ މޮޅު ފޮތެކެވެ. ފޮތުގައި ހަތް ބާބެއް ހިމެނިފައިވެއެވެ.

ފުރަތަމަ ބާބުގައި ވަނީ ކައުއިތުރު ސާހިބާއަށް މުޝްރިކުންގެ ފަރާތުން ކުރިމަތިވީ ދަތި އުނަދގޫތަކާއި އެބައިމީހުންގެ އަނިޔާވެރިކަމާއި ކައުސާހިބާގެ ހިތްވަރުފުޅު ގަދަކަމުގެ ވާހަކައާއި އަނިޔާވެރިކަމުގެ ކުރިމަތީގައި އެކަލޭގެފާނު ދެއްކެވި މާތް އަޚުލާގުގެ ވާހަކައެވެ.

ދެވަނަ ބާބުގައި ވަނީ އަރަބި ގަބީލާތަކަށް ކީރިތި ރަސޫލާ ދެއްވި އިސްލާމީ ދައުވަތާއި މައްކާއިން ފެށިގެން ގޮސް ވަކި ތަރުތީބެއްގެ މަތީން މަދީނާގައި އިސްލާމީ ދައުލަތެއް ގާއިމު ކުރައްވަން ކީރިތި ރަސޫލާ ގަސްތިފުޅުކުރެއްވި ބައެއް ސަބަބުތަކުގެ ވާހަކައެވެ.

ތިންވަނަ ބާބުގައި ވަނީ މަދީނާގެ މަސްރަހަށް އަންނާން ފެށި ބަދަލުތަކާއި ކީރިތި ރަސޫލާގެ މަސައްކަތްޕުޅު ބައްޓަން ކުރައްވަމުން ގެންދެވި ގޮތާއި ވަކި ތަޙްރީކެއްގެ ގޮތުގައި ރިޔާސަތަކާ ދިމާއަށް އިސްލާމީ އުއްމަތް ދަތުރުކުރާން ފެށްޓި ގޮތުގެ ވާހަކައެވެ.

ހަތަރުވަނަ ބާބުގައި ވަނީ ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި ހިޖުރައިގެ ވާހަކައެވެ. ހިޖުރައިގެ ތައްޔާރީތަކާއި ޤުރައިޝުން އެ ދަތުރުފުޅަށް ހުރަސް އަޅަން ކުރި މަސައްކަތްތަކާއި ކީރިތި ރަސޫލާގެ ޢަޒުމުފުޅުގެ ވަރުގަދަ ކަމާއި ދަތުރުފުޅު ކުރިއަށް ގެންދެވި ގޮތުގެ ވާހަކައެވެ.

ފަސްވަނަ ބާބުގައި ވަނީ މަދިނާގެ ރިޔާސަތުގެ ބިންގާ އަޅުއްވައި ފަށްޓަވައިގެން ކުރިއަށް ގެންދެވި ގޮތުގެ ވާހަކައެވެ. އިސްލާމީ މުޖުތަމައެއްގެ އޮނިގަނޑު ހައްދަވައި އެ އޮނިގަނޑުގެ މައްޗަށް އެކި އުސޫލުތައް ބިނާ ކުރައްވަމުން ގެންދެވި ގޮތުގެ ވާހަކައެވެ.

ހަވަނަ ބާބުގައި ވަނީ މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާން ޖެހުނު އެކި މައްސަލަތަކުގެ ވާހަކައެވެ. އަލަށް އުފެދޭ ދައުލަތެއްގައި ގިނަ މައްސަލަތަކެއް ހުންނާނެއެވެ. އެ މައްސަލަތައް ހައްލު ކުރައްވާން ކީރިތި ރަސޫލާ އެޅުއްވި ފިޔަވަޅުފުޅުތަކާއި ކުރެއްވި މަސައްކަތްޕުޅުގެ ވާހަކަ މި ބާބުގައި ލިޔުންތެރިޔާ ވަނީ ބަޔާންކޮށް ދެއްވައިފައެވެ.

ހަތްވަނަ ބާބުގައި ވަނީ އިސްލާމީ ދައުލަތެއް އުފެދުމަށް ފަހު އައި ދުވަސްތަކުގައި އައި އިންގިލާބީ ބަދަލުތަކުގެ ވާހަކައެވެ.

ޢަބްދުﷲ ފާރޫޤް ޙަސަނަކީ އިސްލާމީ ތާރީޚުގެ މައްޗަށް ލިޔުއްވުމުގައި ޚައްސަވެވަޑައިގެންފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ މި ފޮތަކީވެސް، އެހެން ފޮތްތަކެކޭ އެއްފަދައިން، ކިޔައިލާން ފަސޭހަ މޮޅުި ފޮތެކެވެ. ހާދިސާތައް އޮޅުންފިލާނޭހެން ވަރަށް ސާފުކޮށް ލިޔުއްވައިފައިވާ ފޮތެކެވެ. ދިވެހި ކޮންމެ ދަރިއަކު ޚާއްސަކޮށް މި ދުވަސްވަރު ކިޔައިލާން ވަރަށް ރަނގަޅު ފޮތެކެވެ. މި ފޮތް ވިއްކާން ހުރީ ސޯސަން މަގުގައި ހުންނަ ރާދަ ބުކްޝޮޕުގައެވެ.