ދުނިޔެ

ބޮމްބޭގެ މަގުތަކުގައި ދިރިއުޅޭ ކުއްތާތަކަށް ރެބީސް ވެކްސިން ދޭންފަށައިފި

މުހައްމަދު އައުޒަމް

އިންޑިއާގެ މުމްބާއީގެ މަގުތަކުގައި ދިރިއުޅޭ ކުއްތާތަކަށް ރެބީސް ވެކްސިން ދޭންފަށައިފިއެވެ.

މުމްބާއީގައި އިއްޔެ މި ޕްރޮގްރާމް ފަށާފައިވާއިރު ސިއްހީ އޮފިޝަލުން ވަނީ އެ ސިޓީގައި ދިރިއުޅޭ 15،000 ކުއްތާއަކަށް ފުރަތަމަ ބުރުގައި ވެކްސިން ދިނުމަށް ޕްލޭންކޮށްފައެވެ.

މުމްބާއީގެ ސިއްހީ އޮފިޝަލުން ވަނީ 10 ދުވަސް ތެރޭ ފުރަތަމަ ބުރުގައި ޕްލޭން ކޮށްފައިވާ 15،000 ކުއްތާއަށް ވެކްސިން ދީ ނިމޭނެކަމަށް ބުނެފައެވެ.

ކުއްތާތަކަށް ރެބީސް ވެކްސިން ދިނުމުގެ މި ހާއްސަ ހަރަކާތުގައި 100 އަށްވުރެން ގިނަ ވޮލެންޓިއަރުން އެކި އެންޖީއޯތަކުން ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ވެކްސިން ދިނުމުގައި ބޭނުން ކުރުމަށް ހާއްސަ އެޕެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.

ރެބީސް ވެކްސިން އަކީ ޖަނަވާރުން ދަތް އެޅުމުގެ ސަބަބުން ފެތުރޭ ރެބީސް ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިނެކެވެ. ރެބީސް ބަލި ޖެހުމުން އެމީހެއްގެ ނާރުތަކަށް އޭގެ ވައިރަހުގެ އަސަރު ކުރެއެވެ. ސިކުނޑިއަށް އެ އަސަރު ފޯރުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތް ހުއްޓި ބައެއް މީހުން މަރުވެސް ވެއެވެ.