ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ރާއްޖެއިން ފުރައިގެން ދާން އުޅޭ ކަމަށް ބުނެ، ނޫހަކުން ޖެހި ހަބަރު އޭނާ ދޮގު ކުރައްވައިފިއެވެ.

"ދިޔަރެސް" ނޫހުން މިއަދު ވަނީ އިމްރާނާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ޔުމްނާ މާދަމާ ރޭ ރާއްޖެއިން ފުރައިގެން ތުރުކީއަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. އެ މައުލޫމާތު ދިން ކަމަށް ބުނެފައިވަނީ އިމްރާންގެ ވަރަށް ގާތް ފަރާތެކެވެ.

"އަޅުގަނޑު ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭ ކަމަށް ބުނެ ތާއަބަދު ކެނޑިނޭޅި ދޮގުފަތުރާ ނޫހަކުން ލިޔެފައިވާ ހަބަރަކީ އެ ބޭފުޅުންގެ ފިތުނަ ދޮލަނގަށް އިތުރުކުރި އައިޓަމެއް. ކަނޑައެޅިގެން ހުރި ރޯމަރ ބުހުތާނު ދޮގެއް!" އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރާއްޖެ ދޫކޮށް ދާން އުޅޭ ވާހަކަ އިމްރާން ދޮގުކުރެއްވި އިރު، މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތައް ނިންމުމަށް އެމްޑީޕީން މާލޭގައި ބޭއްވި ހިނގާލުމުގައިވެސް އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބައިވެރިވެވަޑައިގެންފައެވެ.