އުރީދޫ މޯލްޑިވްސް އިން އައިފޯން 15 ސީރީޒަށް ޕްރީ އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުން ފަށައިފިއެވެ.
ފޯން ހަވާލުކުރަން ފެށީ ލައިވް މިއުޒިކާއެކު އުރީދޫގެ ހެޑް އޮފީހުގައި ރޭ ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.
"ޕްރީއޯޑާ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާއި ހަވާލުވުމަށް ވަޑައިނުގަނެވުނު ކަސްޓަމަރުންނަށް މޫލީން މިހާރު ވަނީ ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވާ ކުރުމުގެ މަސައްކަތް ފަށާފައި،" އުރީދޫން ބުންޏެވެ.
އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ، މެދުވެރިކޮށް އައިފޯނަށް ޕްރީ އޯޑާ ކުރި އެ ކުންފުނީގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް 100 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ. ބޯނަސް ޑޭޓާ ހޯދުމަށް “Bonus100GB” ކީވޯޑާ ޖަހައިފައި 5555 އަށް އެސްއެމްއެސް ކުރުމަށް އުރީދޫން ވަނީ އެދިފައެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްލަސް ގައި 48 އެމްޕީގެ މެއިން ކެމެރާއަކާ ދެގުނަ އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ 16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނެއެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ އެ ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ 17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓެއް ހިމެނެއެވެ.