ފުޓްބޯޅަ

އިންޑިޔާ އާއި ތައިލެންޑް ބަލިކޮށް ސައޫދީ އަރަބިޔާ އާއި އީރާން އޭޝިއަން ގޭމްސް ފުޓްބޯޅައިގެ ކުއާޓަރ ފައިނަލަށް

ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ކުއާޓަރ ފައިނަލުން އީރާނާއި ސައޫދީ އަރަބިޔާ ޖާގަ ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު ގަދަ ސޯޅައިގެ ބުރުގައި އިންޑިޔާއާ ވާދަކޮށް ސައޫދީ އަރަބިޔާ މޮޅުވީ ދޭއް ސުމަކުންނެވެ. ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެންދިޔުމަށްފަހު އިންޑިޔާގެ ގޯލް ސައޫދީ އަރަބިޔާއަށް ހުޅުވައިދިނީ ފަންސާސް އެއްވަނަ މިނިޓްގައި ޚަލީލް މަރްވާނެވެ. ޓީމުގެ ދެވަނަ ގޯލްވެސް ޖަހައިދިނީ އޭނާއެވެ. ކުއާޓަރ ފައިނަލްގައި ސައޫދީ އަރަބިޔާ ވާދަކުރާނީ އުޒްބެކިސްތާނާއެވެ. އެޓީމު ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ބުރާސްފަތި ދުވަހު އިންޑޮނީޝިޔާ އަތުން ދޭއް ސުމަކުން މޮޅުވެގެންނެވެ.

ކުއާޓަރ ފައިނަލްގެ ޖާގައެއް އީރާން ހޯދީ ބުދަދުވަހު ތައިލެންޑާއި ވާދަކޮށް ދޭއް ސުމަކުން މޮޅުވެގެންނެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އީރާނަށް ގޯލް ޖަހައިދިނީ މުތާހިރީ އާއި ސަލްމާނެވެ. ކުއާޓަރ ފައިނަލްގައި އީރާނަށް ވާދަކުރަންޖެހޭނީ ހޮންގްކޮންގާއެވެ. އެ ޓީމު ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ބުދަދުވަހު ފަލަސްތީނާ ވާދަކޮށް އެކެއް ސުމަކުން މޮޅުވެގެންނެވެ.

އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅައިގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި އަނެއް ހަތަރު ޓީމަކީ ޗައިނާ، ދެކުނު ކޮރެޔާ، އުތުރު ކޮރެޔާ އަދި ޖަޕާނެވެ. ނޮކައުޓް ފުރަތަމަ ބުރުގައި ޖަޕާން މޮޅުވީ ބަރުމާ އަތުންނެވެ. ޗައިނާ މޮޅުވީ ގަތަރު އަތުންނެވެ. ދެކުނު ކޮރެޔާ މޮޅުވީ ކިރްގިސްތާނު އަތުންނެވެ. އުތުރު ކޮރެޔާ މޮޅުވީ ބަހުރައިން އަތުންނެވެ.