ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގިނަ އަދަދެއްގެ ފަންނާނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވައިފިއެވެ.

ރައީސްގެ ކެމްޕޭން ޓީމުން މިއަދު ބުނީ ފިލްމީ ފަންނާނުންނާއި ލަވަކިޔުންތެރިން ފޮޓޯގުރާފަރުން އަދި އާޓިސްޓުން މިއަދު ރައީސް ސޯލިހާ ބައްދަލުކުރައްވައި އެ މަނިކުފާނަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައިވާ ކަމަށެވެ. އެ ފަންނާނުގެ ތެރޭގައި ފިލްމީ ދާއިރާގެ އަދި މިއުޒިކް އިންޑަސްޓްރީގެ އެންމެ ފުންނާބުއުސް މީހުން ހިމެނޭ ކަމަށްވެސް ބުންޏެވެ.

"ފަންނާނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ގިނަ ބަޔަކު ނެރެދެއްވުމަށް ބާރުއަޅުއްވައިދެއްވުމަށް. ފަންނާނުން ވަނީ އެކަން ކޮށްދެއްވާނެކަމާއި ރައީސުލްޖުމްހޫރިއްޔާއަށް ވޯޓް އިތުރުކޮށްދެއްވަންވެސް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި،" ރައީސްގެ ކެމްޕޭން ޓީމުން ބުންޏެވެ.

ފަންނާނުން ކުރިއެރުވުމުގެ ގޮތުން މި ސަރުކާރުން އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރި ފަހުން، އެ ތަނުގައި 72 ފިލްމް ޝޯ ދައްކައި 21 މިޔުޒިކް ޝޯ ބާއްވާފައިވެއެވެ. އަދި އެ ތަނުގައި ފަންނާނުންނަށް ޕްރެކްޓިސް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާއިރު 1،500 އަށްވުރެ ގިނަ ފަންނާނުން ޕްރެކްޓިސް ކުރުމަށް އެތަން ބޭނުންކޮށްފައިވެއެވެ.

އޭގެ އިތުރުން ފަންނާނުން ކުރިއެރުވުމުގެ ގޮތުން މާލީ އެހީތެރިކަންވެސް މި ސަރުކާރުން ފޯރުކޮށްދީފައިވާ އިރު، 50،000 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ހަރަކާތުން 400 އަށްވުރެ ގިނަ ފުރުސަތު ފަންނާނުންނަށް ފަހިކޮށްދީފައިވެއެވެ. އަދި އާޓް ގެލެރީގައި މި ފަސް އަހަރުގެ ތެރޭގައި 31 އަށްވުރެ ގިނަ މައުރަޒު ބާއްވާފައިވެއެވެ. އެ މައުރަޒުތަކުގެ ބޭނުން 500 އަށްވުރެ ގިނަ އާޓިސްޓުން ހިފި އިރު 120,000 އަށްވުރެ ގިނަ މީހުން މައުރަޒަށް ޒިޔާރަތްކޮށްފައިވެއެވެ.

ރައީސް ސޯލިހު ވަނީ ފަންނާނުގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނައިފައެވެ.

އެގޮތުން އިންޓަނޭޝަނަލް ޕްރޮމަޓީ (ފަންނާނުންގެ ފިކުރީ މުދާ) ހިމާޔަތްކުރުމުގެ އާ ގާނޫނެއް ވުޖޫދުކުރުމާއި މުޅި ރާއްޖޭގައި ފަންނާނުން މަސައްކަތް ކުރާނެ މާހައުލުތައް ގާއިމުކުރުމާއި ދުނިޔޭގެ ފެންވަރުގައި ފަންނާނުންގެ ހުނަރު ދައްކާލައި ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދެއްވުން ހިމެނެއެވެ.