ޚަބަރު

ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައި ނިއުޒިލެންޑުން ސިލްސިލާވެސް ކާމިޔާބުކޮށްފި

ނިއުޒިލެންޑްގެ ކްރިކެޓް ޓީމު ބަންގްލަދޭޝަށް ކުރާ ޒިޔާރަތުގައި ކުޅުނު ލިމިޓެޑް އޯވަރު ސިލްސިލާގެ ތިންވަނަ އަދި އެންމެ ފަހު މެޗު ހަތް ވިކެޓުން ނިއުޒިލެންޑް ކާމިޔާބުކޮށްފިއެވެ.

ވެރިރަށް ޑާކާގެ ޝޭރް ބަންގްލާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މި މެޗުގައި ޓޮސް ދިމާކޮށްގެން އެންމެ ފުރަތަމަ ބެޓްކުރަން ނުކުމެ 34.3 އޯވަރުތެރޭ އެންމެން ނުބައިވެގެން ބަންގްލަދޭޝްއަށް ހެދުނީ އެންމެ 171 ލަނޑެވެ. އެންމެ ގިނަ ލަނޑު ހެދީ 84 ބޯޅައިން 76 ލަނޑު ހެދި ކެޕްޓަން ޝަންތޯއެވެ. ނިއުޒިލެންޑުން އެންމެ ރަނގަޅަށް އުކާފައިވަނީ 34 ލަނޑަށް 4 ވިކެޓް ނެގި މިލްނާއެވެ.

ޖަވާބުގައި ކުޅެން އަރާފައި ނިއުޒިލެންޑް މޮޅުވެގެން ފޭބީ 34.5 އޯވަރުތެރޭ ތިން ކުޅުންތެރިން ނުބައިވެގެން 175 ލަނޑު ދީފައެވެ. އެންމެ ގިނަ ލަނޑުހެދީ 80 ބޯޅައިން 70 ލަނޑުހެދި އެލަންއެވެ. ނުބައިނުވެ 50 ލަނޑުހެދި ނިކޯލްގެ ކުޅުންވެސް ފާހަގަކުރެވުނެވެ. ބަންގްލަދޭޝުން އެންމެ ރަނގަޅަށް އުކާފައިވަނީ 32 ލަނޑަށް 2 ވިކެޓް ނެގި ޝަރީފުލް އިސްލާމެވެ.

ނިއުޒިލެންޑުން މި މެޗު ކާމިޔާބުކުރުމާ ގުޅިގެން އެ ޓީމަށް ދޭއް ސުމެއްގެ ނަތީޖާއަކުން ސިލްސިލާވެސް ވަނީ ލިބިފައެވެ. ނިއުޒިލެންޑް ކުރިން މޮޅުވެފައިވަނީ ދެވަނަ މެޗުންނެވެ. ވިއްސާރަވުމުގެ ސަބަބުން ސިލްސިލާގެ ފުރަތަމަ މެޗު ވަނީ ކެންސަލްކޮށްފައެވެ.