އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://sims.transport.gov.mv" މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެވޭނީ އޭ-ޒޯނުގެ "ދާއިމީ ލައިސަންސް" ލިބިފައިވާ ފަރާތްތަކަށް ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކަމަށް މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް ކަމަށެވެ.

"އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" އަކީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެ ލައިސަންސެއް ކަމަށް މިނިސްޓްރީން ބުންޏެވެ.