ދުނިޔެ

ފިލައިގެން އުތުރު ކޮރެއާއަށް އެތެރެވި އެމެރިކާ ސިފައިންގެ މީހާ ޑީޕޯޓު ކޮށްލަނީ

މުހައްމަދު އައުޒަމް

ފިލައިގެން އުތުރު ކޮރެއާއަށް އެތެރެވި އެމެރިކާ ސިފައިންގެ މީހާ ޑީޕޯޓު ކުރަން އެގައުމުން ނިންމައިފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ އެގައުމަށް އެތެރެވި އެމެރިކާ ސިފައިންގެ މީހާ ޓްރޭވިސް ކިންގް ގަވާއިދާ ހިލާފަށް އެގައުމަށް އެތެރެވި މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާ އެގައުމުން ޑީޕޯޓު ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އުތުރު ކޮރެއާއިން ކިންގު ޑީޕޯޓު ކުރުމަށް ނިންމި ނަމަވެސް އޭނާ ޑީޕޯޓު ކުރާނެ ވަކި ތާރިހެއް ނުވަތަ ޑީޕޯޓު ކުރާނެ ގޮތެއް ފާހަގަކޮށްފައެއް ނުވެއެވެ.

އުތުރު ކޮރެއާގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް އެތެރެވި އެމެރިކާގެ ސިފައިންގެ މީހާ ފިލީ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ކަމަށް އުތުރު ކޮރެއާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމެރިކާ ސިފައިންގެ ޕްރައިވެޓް، 23 އަހަރުގެ ޓްރޭވިސް ކިންގް އުތުރު ކޮރެއާގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް ވަނީ މިދިޔަ ޖުލައި މަހުގެ މެދުތެރޭގައެވެ. އެ މައްސަލައިގައި އޭނާ ވަނީ އުތުރު ކޮރެއާގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.