ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވުމަށްފަހު، ސަރުކާރު ބަދަލުވުމަށް ނަގާ ޓްރާންސެޝަލަށް މުއްދަތުގައި، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯއްދަވައިގެން، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަމުގެ ޕްލޭނެއް އެކުލަވާލައްވައި ހާމަ ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ކެމްޕެއިން ދަތުރު ފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގަތުމުން، އެސިޓީގެ ބައެއް ރައްޔިތުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ސިޓީއަށް ވަޑައިގެން، ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން، މީދޫ އާއި ހިތަދޫއާ ދެމެދު ހަދުއްވާނެ ކަމަށް ވިދާޅުވި ޕްރިޖުގެ މަސައްކަތާއި އޮންލައިންކޮށް ޕޭމަންޓް ނެގޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާއި ތަކެތީގެ އަގު ތިރި ކުރުމަށްޓަކައި، ޑޮލަރުގެ ކަޅު ބާޒާރު ނައްތާލެއްވުންފަދަ މަސައްކަތްތައް ވެރިކަމަށް ވަޑައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނަންތޯ، މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ފުރަތަމަ 100 ދުވަހުގެ ވައުދުގެ ގޮތުގައި އެއްވެސް ވައުދެއް ވެވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ "މި ސަރުކާރުން ކަންކަން ފޮރުވައިފައި އޮތްލެއް ބޮޑުކަމުން ޔަގީންކަމާއެކީ ނެތް ދެންނެވޭކަށް ކަންކަމުގެ ތަފްސީލު ހުރީ ކިހާ މިންވަރަކަށް ކަމެއް. ހުރިހާ މައުލޫމާތެއް އެނގިގެން ނޫނީ 100 ދުވަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމަކީ ކުރާނެ ކަމެއް ނޫން. ޓްރާންސިޝަން ޕީރިއަޑުގައި ހުރިހާ އޮފީހަކަށް ގޮސް ކަންކަން ސާފުކޮށްގެން 100 ދުވަހުގެ ޕްލޭނެއް އެކުލަވާލައި އާއްމު ކުރާނަން،" ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް މީދޫ އާއި ހިތަދޫއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތާއި އައްޑޫ ހޮސްޕިޓަލް ތަރައްގީ ކުރުމާއި ގަން އެއާޕޯޓް ތަރައްގީ ކުރުމާއި އިގުތިސޯދުގައި ހުރި ކަންކަން ރަނގަޅު ކުރުމަށްޓަކައި، އެމްއެމްއޭއިން ފައިސާ ބޮރޯކުރުން ހުއްޓާލައި، ހަރަދަށް ޒިންމާވާ ގާނޫނުގެ ސަސްޕެންޑް ކޮށްފައިވާ މާއްދާތައް އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވުމަކީ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަން ދީގެން ކުރައްވާ ކަންތައްތައް ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މީދޫ އާއި ހިތަދޫއާ ދެމެދު ހަދާ ބުރިޖުގެ މަސައްކަތާއި ހުޅުމީދޫގައި އަޅުއްވަން ވިދާޅުވި ފެކްޓްރީފަދަ މުހިއްމު މަޝްރޫއުތައް ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފެއްޓެވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު