ޚަބަރު

ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ފާތިމަތު ލިޔުޝާ

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށައިފިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އިއްޔެ އެ ރަށުގައި ބޭއްވި މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބުދުالله ވަހީދާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން 1,150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއި 623,968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 10,962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަހައްދުގެ ބިން ހިއްކުމާއި 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗްއެއް ކޮނުމާއި 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި މުސްތަގުބަލުގައި ދިއްދޫ އިތުރަށް އާބާދުވެ، ތަރައްގީކުރުމުގެ ދޮރުތައް ހުޅުވިގެން ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. އެ މަސައްކަތް ހަވާލުކުރީ 360 ދުވަހުން ނިންމާގޮތަށް 83.07 މިލިއަން ރުފިޔާއަށެވެ.