އަނިޔާވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށް ސުލްހަޔާއި ހަމަޖެހުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތާބުގައި ވިދާޅުވީ މުޖުތަމައު އެދި ގޮވަނީ ރިވެތި އަހުލާގީ ސިފަތައް ދިރުވައި އާލާކުރަން ކަމަށެވެ.
"ދެކޮޅުވެރިކަން ދޫކޮށް އަނެކުންނަށް މައާފުކުރުމާއެކު ސުލްހަވެރިކަން ފެތުރުމަށެވެ. ނަފުރަތާއި ހަސަދައިން އެއްކިބާވެ އަނެކުންނަށް އިހުތިރާމްކޮށް، މުޖުތަމައަށް ހިނިތުންވުން ގެނެސްދިނުމަށެވެ. ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާ ހާލު އަނެކުންނަށް އެހީތެރިކަން ފޯރުވައި، އިންސާނީ އަހުވަންތަކަން ގާއިމުކުރުމަށެވެ. އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ހުރިހާ ހާލަތެއްގައި ވެސް ނޫނެކޭ ބުނެ، ކޮންމެ ހާލަތެއްގައި ވެސް ސުލްހަޔާއި ހަމަޖެހުމާއި އަމާންކަމަށް އިސްކަން ދިނުމަށެވެ..،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސޫލާ ދުނިޔެއަށް ސާބިތުކޮށްދެއްވި އެންމެ ބޮޑު ހަގީގަތަކީ، މުޖުތަމައު އިސްލާހުކުރުމުގެ ބިންގަލަކީ، ކޮންމެ ކަމެއް ވެސް ތިމާގެ އަމިއްލަ ނަފުސުން ފެށުން ކަމަށެވެ. މީސްތަކުން ކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވި ކޮންމެ ކަމެއްގައި، އެންމެ ފުރަތަމަ ނަމޫނާ ދެއްކެވީ އެކަލޭގެފާނު ކަމަށާއި މީސްތަކުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން، އެންމެ ފުރަތަމަ ދުރުހެލިވެވަޑައިގަތީ ވެސް ހަމަ އެކަލޭގެފާނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސޫލާގެ ކޮންމެ ބަސްފުޅުތަކުންނާއި އަމަލުފުޅަކުން ފެންނަން އޮތީ، އަހުލާގީ އެންމެ މާތް ސިފަތައް ކަމަށެވެ. މީހުންނަށް އިހުތިރާމުކުރުމާއި އޯގާތެރިވުމާއި އަފޫ ކުރެއްވުމާއި އެހީތެރިވުމުގައި އެއަށްވުރެ ވަކިން ފުރިހަމަ މިސާލެއް ނެތް ފަދައިން ކަންތައް ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
"މައިންބަފައިންނަށް ކަމޭހިތުމާއެކު އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަކީ، އޯގާތެރިކަމުގެ މާތް ނަބިއްޔާގެ ރިސާލަތުގެ އެންމެ ވަސްމީރު ހުވަނދެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ އަގުބޮޑު ޖައުހަރެވެ. އެކަލޭގެފާނު އަމަލީ ގޮތުން ދެއްކެވި އަދަބު އަހުލާގުގެ މަތިވެރި ސިފަތަކަކީ، އިސްލާމީ ރިސާލަތުގެ އެންމެ ފަރި ފޭރާމެވެ..،" ރައީސް ވިދާޅުވިއެވެ.
މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަކުރާ މި މުނާސަބަތުގައި ގަދައަޅައި މަސައްކަތް ކުރަންވީ، އެކަލޭގެފާނުގެ ސީރަތުން އިންސާނިއްޔަތަށް އަލިކޮށްދިން އެފަދަ ދޯދިތަކުން ހާޔާތަށް އަލިކަން ހޯދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު