މި މަހުގެ ނުވަަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާލޭ ސަރަހައްދުގައި މަސައްކަތް ކުރި އޮފިޝަލުންނަށް މި ހަފުތާގައި އެލަވަންސް ޖަމާވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި ކޯޑިނޭޓަރުންނާއި ލިއޭޒަން އޮފިސަރުންނާއި މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި ރިޒާވް އޮފިޝަލުންގެ އެލަވަންސް މި ހަފުތާގައި ޖަމާވާނެ ކަމަށެވެ.

"އަތޮޅުތަކުގެ ބައިގެ މަސައްކަތްވެސް ބާރަށް ކުރިޔަށް އެބަދޭ" ހަބީބް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ ޓްރެއިނަރަކަށް ދެނީ 700 ރުފިޔާގެ އެލަވަންސެކެވެ. އަދި ވޯޓު ފޮށީގެ ވެރިޔަކަށް 1،500 ރުފިޔާގެ އެލަވަންސެއް ދޭއިރު ލިއޭޒަން އޮފިސަރުންނަށް 1،200 ރުފިޔާގެ އެލަވަންސެއް ދެއެވެ. އަދި އޮފިޝަލުންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދޭއިރު، ރިޒާވް އޮފިސަރުންނަށް 500 ރުފިޔާގެ އެލަވަންސެއް ދެއެވެ. މީގެ އިތުރުން އެ ހުރިހާ ފަރާތްތަކަށްވެސް ޓްރެއިނިން އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ދެއެވެ.

ހަބީބް "ވަން" އަށް މިއަދު ވިދާޅުވީ، އަތޮޅުތެރޭގައި ހަރަކާތްތެރިވި 3،500 އެއްހާ އޮފިޝަލުންނަށްވެސް ވަރަށް އަވަހަށް އެލަވަންސްތައް ދޭނެ ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.

ފުރަތަމަ ބުރުގައި 5،000 އެއްހާ އޮފިޝަލުން ހަރަކާތްތެރިވެފައިވާ އިރު، އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރުގެ ކަންކަމުގައި އިތުރު 450 އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.