ކަނުބަނދެގެން ހުރެ ރާޒުވާ ބޯޑެއްގައި ކުޅިބައި އަތުރާލައިގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

މެލޭޝިއާގެ އުމުރުން 10 އަހަރުގެ ޕުނިތަމަލާ ރާޖަޝޭކަރު ވަނީ ދުނިޔޭގެ ރެކޯޑް ގާއިމް ކުރުމަށް 45.72 ސިކުންތު ތެރޭ ރާޒުވާ ބޯޑުގެ ކުޅިބައި އަތުރާލައިފައެވެ.

ރާޖަޝޭކަރަށް ދުނިޔޭގެ ރެކޯޑު ފޮތުން ވަނީ ކަނުބަނދެ ހުރެ މިހާތަނަށް ދުނިޔޭގައި އެންމެ އަވަހަށް ކުޅިބައި އަތުރާލި ކަމުގެ ރެކޯޑް ބަލައިގަނެ އެލަގަބު އޭނާ އަށް އަރުވައިފައެވެ.

އުމުރުން ފަސް އަހަރުން ފެށިގެން ރާޒުވާ ކުޅެން ފެށި ރާޖަޝޭކަރު އުމުރުން 10 އަހަރުގައި އެ ރެކޯޑު ގާއިމް ކުރުމަށް ވަނީ މީގެ ކުރިން ރެކޯޑު ހެދި މީހުންގެ ރެކޯޑްތައް ބަލައި ގިނަ ފަރިތަކުރުންތަކެއް ކުރިޔަށް ގެންގޮސްފައެވެ.

ރާޖަޝޭކަރަކީ ދުނިޔޭގެ ޗެސް ފެޑަރޭޝަންގެ ވެސް މެމްބަރެކެވެ. ސުކޫލުގައި ބާއްވާ މުބާރާތްތަކުން ރަން ވަނަ ހޯދަމުންދާ ރާޖަޝޭކަރު ވަނީ އޭނާގެ ޓާގެޓަކީ ދުނިޔޭ ފެންވަރުގެ މޮޅު ކުޅުންތެރިޔަކަށް ވުންކަމަށް ބުނެފައެވެ.