ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ އަސާސީ ގަވާއިދުގައި ހިމަނާފައިވާ އެތެރޭގެ އިންތިހާބުގައި، އިންތިހާބު ކުރަން ހަމަޖެހިފައިވާ މަގާމުތަކާއި އައްޔަންކުރަން ހަމަޖެހިފައިވާ މަގާމުތައް އާއްމުކޮށްފިއެވެ.

އެ ޕާޓީގެ އިންތިހާބީ މަގާމުތަކުގެ ގޮތުގައި 18 މަގާމެއް ކަނޑައަޅާފައިވާ އިރު، އައްޔަންކުރާ މަގާމުތަކުގެ ގޮތުގައި ފަސް މަގާމެއް ވަނީ ހިމަނައިފައެވެ.

  • ރައީސް
  • ނާއިބު ރައީސް
  • ނައިބު ރައީސް (އަންހެން)
  • ނައިބު ރައީސް (ޒުވާން)

ޕާޓީގެ އަތޮޅު ރައީސާއި އަތޮޅު ނައިބު ރައީސް އިންތިހާބު ކުރުމަށް ހަމަޖެހިފައި ވަނީ، އަތޮޅަށް ނިސްބަތްވާ، ޕާޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ސިޓީ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ހަމަޖެހިފައި ވަނީ، ސިޓީއަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ވޯޓު ނަގައިގެންނެވެ. ޕާޓީގެ ރަށު ރައީސް އާއި ރަށު ނައިބު ރައީސް ހޮވާނީ ރަށަށް ނިސްބަތްވާ ޕާޓީގެ މެންބަރުންގެ ވޯޓަކުންނެވެ.

މީގެ އިތުރުން ކޮންމެ ސިޓީއެއްގައި ހިމެނޭ ވަކި ވަކި ދާއިރާތަކުގައި، ކޮންމެ ދާއިރާއެއްގައި ވަކިން އެ ދާއިރާއެއްގެ ޕާޓީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ޕާޓީގެ ސިޓީ- ދާއިރާ ރައީސް އާއި ނައިބު ރައީސް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގައި، ކޮންމެ ދާއިރާއެއް ވަކިން އެ ދާއިރާއެއްގެ ޕާޓީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ޕާޓީގެ ދާއިރާ ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރާނެއެވެ.

މީގެ އިތުރުން ޕާޓީގެ ހުރިހާ އަންހެން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ވިމެންސް ޑިމޮކްރެޓްސްގެ ލީޑަރާއި ނައިބު ލީޑަރު އަދި ޕާޓީގެ ހުރިހާ ޒުވާނުން ވޯޓު ލައިގެން ޔަންގު ޑިމޮކްރެޓްސްގެ ލީޑަރާއި ނައިބު ލީޑަރު އިންތިހާބު ކުރުމަށާއި ވެޓެރެންސް ކްލަބްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ވޯޓަކުން ވެޓެރަންސް ރެޕްރެޒެންޓެޓިވު އިންތިހާބު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

  • ސެކްރެޓަރީ ޖެނެރަލް
  • ކައުންސިލް ޖެނެރަލް
  • ރަޖިސްޓްރާ ޖެނެރަލް
  • ސްކޯކްސްޕާސަން
  • މާލީ ޒިންމާދާރު ވެރިޔާ

މީގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް އާއި ކައުންސިލް ޖެނެރަލް އާއި ރަޖިސްޓްރާ ޖެނެރަލް އާއި ސްކޯކްސްޕާސަން އައްޔަން ކުރާނީ ޕާޓީގެ ރައީސް ޕާޓީގެ ނެޝަނަލް އެސެމްބްލީއަށް ނަމެއް ހުށަހަޅައި ރުހުން ހޯދައިގެންނެވެ. އަދި ޕާޓީގެ މާލީ ޒިންމާދާރު ވެރިޔާ އައްޔަން ކުރާނީ ސެކްރެޓަރީ ޖެނެރަލްއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ޕާޓީން ބުނީ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ފަހުން ހުޅުވާލާނެ ކަމަށެވެ.