ރީ ރެޖިސްޓްރޭޝަނަށް 50،000 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ސައްހަވީ 38،763 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް އިން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތައް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭ 9:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00ގެ ނިޔަލަށް ހުޅުވާލައިފައެވެ.

އީސީގެ ނައިބު ރައީސް ހަބީބު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި ރީ ރަޖިސްޓަރީ ކުރަން ހުށަހެޅީ 50047 ފޯމު ކަމަށާއި އެއީ އޮންލައިންކޮށް 26،011 އަދި ފޯމުން 24،036 ކަމަށެވެ. އޭގެ ތެރެއިން ސައްހަވެފައިވަނީ އޮންލައިންކޮށް ހުށަހެޅި 20،902 އަދި ފޯމުން ހުށަހެޅި 17،861 އާއެކު ޖުމުލަ 28،763 ފޯމު ކަމަށް ހަބީބު ވިދާޅުވިއެވެ.

"ސައްހަކަން ކަށަވަރު ނުވީ، އޮންލައިން 5109، ފޯމުން 6175، ޖުމްލަ 11284. އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުން. ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގާޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން. ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރުކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށް ދެވުނު،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މީޑިއާތަކަށް ހަބީބު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް (elections.gov.mv‎) ގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށާއި އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެ ކަމަށެވެ.

"މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" ން. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން. މާލޭގައި ނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން،" އޭނާ ވިދާޅުވިއެވެ.

އީސީން ބުނީ އެ ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށް ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އީސީން އިއުލާނުކުރެވިފައިވާ ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ. އަލަށް 18 އަހަރު ފުރިގެން 408 މީހަކަށް މުޅިން އަލަށް ވޯޓުލެވޭ މީހަކު އޭގެ ތެރޭގައި ހިމެނެއެވެ.