ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަ ޔުނިވާސިޓީ/ކޮލެޖް ފުޓްސަލް މުބާރާތް ކަމަށްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމުކޮށްގެން ބާއްވާ މި ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމު ދޭ ހުރިހާ މުއައްސަސާއެއް އެއްތަނަކަށް އެއްކޮށް ބާއްވާ ކުލަގަދަ މުބާރާތެކެވެ.
އެ މުބާރާތުގެ މަގުސަދަކީ ޔުނިވާސިޓީން ބޭރުގައި ޓީމްވޯކް ދަސްކޮށް، ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދީ، ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި އެކި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ފިރިހެން އަދި އަންހެން ޑިވިޝަންގެ 30 އަށްވުރެ ގިނަ ޓީމު ބައިވެރިވާނެއެވެ.
ދިރާގުން އަންނަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވައި، އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދެމުންނެވެ.