މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ނިންމަވައިފިއެވެ.

ރައީސް ސޯލިހާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމެވީ ގައުމު މިއަދު މި އޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އާއި ބަދަލުހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މިވަގުތު އިންތިހާބު ކުރަން އެންމެ އެކަށޭނެ އަދި ގާބިލު ބޭފުޅަކީ މިހާރުގެވެސް ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އަޅުގަނޑަށް ފެންނާތީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،" އިލްހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ދައުރުގައި ގައުމު ހަލަބޮލިނުކޮށް، ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން ރައީސް ސޯލިހު ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދެއްވައިގެންވެސް ވެރިކަން ކުރެއްވިދާނެކަން އެ މަނިކުފާނު ދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ٱللَّٰهގެ ތަނަވަސް ރަހުމަތްފުޅުން މި ރިޔާސީ އިންތިހާބް ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް، ރައީސް ސޯލިހަށް ތާއީދުކުރަން ނިންމެވި އިރު، ޖުމްހޫރީ ޕާޓީގައި އިސް މެންބަރެއްގެ ގޮތުގައި އުޅުއްވާ ރިޔާޒް ރަޝީދުވެސް ތާއީދު ކުރައްވަން ނިންމާފައިވަނީ އެ މަނިކުފާނަށެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތުމުން ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ވަނީ ނިންމަވައިފައެވެ.

އޭގެ ފަހުން ގާސިމް ވަނީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ ޕާޓީގެ މެމްބަރުން ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.