އޭޝިއަން ގޭމްސްގެ ޓީމު ކުޅިވަރުތަކުގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑު އެންމެ މަގްބޫލު އެއް ކުޅިވަރަކީ ފިރިހެނުންގެ ވޮލީބޯޅައެވެ. މީގައި ރަންމެޑެއްޔަށް އަބަދުވެސް ވާދަކުރަމުން އަންނަނީ ހަތަރު ގައުމަކުންނެވެ. ޖަޕާނާއި ޗައިނާ އަދި ދެކުނު ކޮރެޔާ އާއި އީރާނެވެ.
އޭޝިއަން ގޭމްސްގައި ޓީމު ކުޅިވަރެއްގެ ގޮތުގައި ފިރިހެނުންގެ ވޮލީ ހިމަނާފައިވަނީ 1958 ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުނު އޭޝިއަން ގޭމްސްއިން ފެށިގެންނެވެ. އޭގެފަހުން މިހާތަނަށް ސޯޅަ މުބާރާތް ކުޅެވިފައިވާއިރު 8 ފަހަރު ރަން މެޑަލް ހޯދާފައިވަނީ ޖަޕާނުންނެވެ. ދެކުނު ކޮރެޔާ އާއި ޗައިނާ ކޮންމެ ބަޔަކުވެސް ތިން ފަހަރު ރަން މެޑަލް ހޯދާފައިވާއިރު އީރާނުން ވަނީ ދެފަހަރު ހޯދާފައެވެ. އެންމެ ފަހުން ބޭއްވުނު ދެފަހަރުވެސް ރަން މެޑަލް ގެންދިޔައީ އީރާނެވެ.
މި ހަތަރު ގައުމުގެ ޑޮމިނޭޝަނަށް ނިމުމެއް ގެންނަން މިފަހަރު އެންމެ ވަރުގަދަޔަށް ހިފާފައިވާ ގައުމަކީ އިންޑިޔާއެވެ. އިންޑިޔާގެ އަމާޒަކީ މިހާރު ޗައިނާގެ ހުއާންޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ވޮލީބޯޅައިން މެޑެއްޔެކެވެ. އިންޑިޔާގެ އުންމީދުތައް ވޮލީއާމެދު އައުވެފައިވަނީ އިންޑިޔާގައި 2019 ވަނަ އަހަރު ތައާރަފު ކުރެވުނު ޕްރޯ ވޮލީ ލީގާއި 2022 ވަނަ އަހަރު ތައާރަފު ކުރެވުނު ޕްރައިމް ވޮލީބޯލް ލީގުގެ ނަތީޖާތައް ފެންނާން ފެށުމުންނެވެ. އައު ހިސާބަކަށް އިންޑިޔާގެ ވޮލީ އުފުލުމުންނެވެ.
އޭޝިއަން ގޭމްސްގެ ފަހުގެ ތާރީޚުގައި އިންޑިޔާގެ ވޮލީ ޓީމަށް ޕޯޑިއަމާ ހަމައަށް ނުދެވުނަސް ތަންކޮޅެއް ކުރީގައި ދެފަހަރަކު ބްރޯންޒް މެޑަލް އަދި އެއްފަހަރު ސިލްވަރ މެޑަލް ހޯދާފައިވެއެވެ. އެންމެ ފަހުން ޕޯޑިއަމާ ހަމައަށް ވާސިލްވެވިފައިވަނީ މީގެ 37 އަހަރު ކުރިން 1986 ގައެވެ. އެފަހަރު ލައްވައިލީ ތިންވަނައިގައެވެ. އޭގެފަހުން އެންމެފަހުން ބޭއްވުނު އޭޝިއަން ގޭމްސްގައި ވާދަކުރި ވިހި ޓީމުގެ ތެރެއިން އިންޑިޔާއަށް ލިބުނީ ބާރަވަނައެވެ. މި ރިކޯޑުތައް ނިމުމަކަށް ގެނެސް އޭޝިއާގެ ވޮލީގެ ގަދަ ބާރަކަށް ވުމަށް އިންޑިޔާކުރާ އުންމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ ކުޅުންތެރިޔަކީ ގުރޫ ޕްރަސާންތެވެ. އޭނާއަކީ މިވަގުތު އިންޑިޔާގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ނިސްބަތްވަނީ ޓެމިލްނާޑޫ ސްޓޭޓަށެވެ.