ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަދުވަހުގެ ރޭ ޖާރމަނީގެ ބަޔާން މިއުނިކުން އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ހަތަރު ގޯލްޖަހައިފިއެވެ. ބަޔާންގެ އަމިއްލަ ދަނޑު ކަމަށްވާ މިއުނިކްގެ އެލިއާންޒް އެރީނާގައި ކުޅުނު ގްރޫޕް އޭގެ މި މެޗު ބަޔާން ކާމިޔާބުކުރީ ހަތަރެއް ތިނަކުނެވެ.

ރަށު ޓީމަށް ގޯލް ޖަހައިދިނީ ސާނޭ އާއި ކޭން އަދި ގަނާބްރީ އާއި ޓެލްއެވެ. ޔުނައިޓެޑްގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ކަސެމީރޯއެވެ. މިއީ ޔުނައިޓެޑް މިހަފުތާގައި ވިދިވިދިގެން ބަލިވި ދެވަނަ މެޗެވެ. އިނގިރޭސި ލީގުގައި ބްރައިޓަންއާ ވާދަކޮށް މިހަފުތާގައި ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައިވެސް ތިނެއް އެކަކުން ބަލިވެފައެވެ.

މެންޗެސްޓަރ ޔުނައިޓެޑް ބަލިވިއިރު އިންގްލެންޑްގެ އާސެނަލް ވަނީ ތަފާތު ބޮޑުކޮށް ހޮލެންޑުގެ ޕީއެސްވީ އަތުން މޮޅުވެފައެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ބީގެ މި މެޗު އާސެނަލް ކާމިޔާބުކުރީ ހަތަރެއް ސުމަކުންނެވެ. ލަނޑުޖެހީ ސަކާއާއި ޓްރޮސާޑް އަދި ޖެސޫސް އާއި އޮޑެގާޑެވެ.

ގްރޫޕް ބީގެ އަނެއް މެޗުގައި ސްޕޭނުގެ ސެވިއްޔާ އާއި ފްރާންސްގެ ލެންސް ބައްދަލުކޮށް އެކެއް އެކަކުން ވަނީ އެއްވަރުވެފައެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި އޮކަމްޕޯސްގެ ގޯލަކުން ސެވިއްޔާ ލީޑު ނަގާފައިވަނިކޮށް ލެންސަށް އެއްވަރުކޮށްދިނީ ފުލްގީނީއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ރަނަރއަޕް އިޓަލީގެ އިންޓަރ މިލާން ވަނީ ބުދަދުވަހުގެ ރޭ ސްޕޭނުގެ ރެއާލް ސޮސިއެޑާޑާ ވާދަކޮށް ރަށުން ބޭރުގައި އެކެއް އެކަކުން އެއްވަރުވެފައެވެ. ގްރޫޕް ޑީގެ މިމެޗުގައި ސޮސިއެޑާޑަށް ލަނޑު ޖަހައިދިނީ މެންޑެޒްއެވެ. އިންޓަރއަށް އެއްވަރުކޮށްދިނީ މާޓިނެޒްއެވެ.

ގްރޫޕް ޑީގެ އަނެއް މެޗުގައި ޕޯޗުގަލްގެ ބެންފީކާއާ ވާދަކޮށް އޮސްޓްރިއާގެ އާރްބީ ސޯލްޒްބާގް ވަނީ ދޭއް ސުމަކުން މޮޅުވެފައެވެ. މެޗުގެ ބޮޑުބައެއް ބެންފީކާ ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.