ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
އޭނާ އެކަން އިއުލާން ކުރެއްވީ ރައީސް ސޯލިހާއެކު ނަންގަވާފައިވާ ފޮޓޯއަކާ ރޭ ކުރެއްވި ޓުވީޓެއްގައެވެ.
"ހާއްސަ މަޖިލިހުގައާއި ރައްޔިތުންގެ މަޖިލިހުގައި އަޅުގަނޑާ އެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުގެ އަހު އިބްރާހިމް މުހައްމަދު ސޯލިހަށް މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،" ރިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީގައި އިސް މެންބަރެއްގެ ގޮތުގައި އުޅުއްވާ ރިޔާޒްގެ ތާއީދު ރައީސް ސޯލިހަށް ދެއްވި އިރު، މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތުމުން ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ވަނީ ނިންމަވައިފައެވެ.
އޭގެ ފަހުން ގާސިމް ވަނީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ ޕާޓީގެ މެމްބަރުން ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު