އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
އަލީ ވަހީދަކީ ކުރިން ޖުމްހޫރީ ޕާޓީގެ ރައީސެވެ. އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއެކު މަސައްކަތްކުރަން ލިބުނު ފުރުސަތުގައި އަގުހުރި ތަޖުރިބާތަކެއް ކުރެވުނު ކަމަށެވެ.
"މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ގައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަމެވެ،" އަލީ ވަހީދު ވިދާޅުވިއެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަލީ ވަހީދު ވަނީ ޖޭޕީގެ ކެންޑިޑޭޓް، ގާސިމްގެ އިންތިހާބީ އެޖެންޓުގެ މަގާމު ވެސް ފުރުއްވައިފައެވެ.
އަލީ ވަހީދު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، އޭނާއާ ދެކޮޅަށް ހުށަހެޅުނު ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ. އޭގެ ދެ އަހަރު ފަހުން އަލީ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. ރާއްޖެ ވަޑައިގެން މިިދިޔަ މަހުގެ ތިންވަނަ ދުވަހު އޭނާ ވަނީ ގާސިމާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އަލީ ވަހީދު ވިދާޅުވެފައިވަނީ އޭނާގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު މަދަދުގާރަކީ ގާސިމް ކަމަށާއި 2009 ވަނަ އަހަރު އޭނާ މަޖިލީހަށް އިންތިހާބު ކޮށްދެއްވުމުގައި އަދި ޓޫރިޒަމް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތީ ވެސް ގާސިމް އެހީއާއެކު ކަމަށެވެ.
ސިޔާސީ ފިކުރު ތަފާތުކޮށް، ވާދަވެރިންގެ ގޮތުގައި ތިބި އިރުވެސް ގާސިމަކީ ރަހުމަތްތެރިއެއް ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ. ޖަރުމަނުގައި، ގާސިމްއާއެކު އެއް އެޕާޓްމެންޓެއްގައި ވެސް އުޅުއްވި ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
ގާސިމްއާއެކު ހިޔާލުތަފާތުނުވާނެ ކަމަށާއި އަބަދުވެސް އެއްކޮށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު