ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް 19 މިލިއަން ރުފިޔާ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ދޫކޮށްފިއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ވަނީ 120 މިލިއަން ރުފިޔާގެ ބަޖެޓަށް ފިނޭންސުގައި އެދިފައެވެ. ނަމަވެސް ފިނޭންސުން ރިޔާސީ އިންތިހާބުގެ ބަޖެޓުގެ ގޮތުގައި އީސީއަށް ދޫކުރީ 90 މިލިއަން ރުފިޔާއެވެ. އެ ބަޖެޓުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށްފަހު އީސީން ވަނީ ދެވަނަ ބުރަށް ބޭނުންވާ ފައިސާ ނެތުމުން 25 މިލިއަން ރުފިޔާގެ ބަޖެޓަކަށް ފިނޭންސުގައި އެދިފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިރޭ ވިދާޅުވީ 25 މިލިއަނަށް އެދުނު ނަމަވެސް ފިނޭންސުން ދޫކޮށްފައިވަނީ 19 މިލިއަން ރުފިޔާ ކަމަށެވެ. އެ ބަޖަޓުގެ ތެރެއިން އިންތިހާބުގެ ކަންކަން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޖެޓު މިހާރު ވަނީ ލިބިފައި، ފިނޭންސުން ދޫކުރީ 19 މިލިއަން ރުފިޔާގެ ބަޖެޓެއް،" ހަބީބު ވިދާޅުވިއެވެ.

މިމަހުގެ 12 ވަނަ ދުވަހު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަބީބު ވިދާޅުވެފައިވަނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާއިރު އެކަމަށް ބޭނުންވާ ބަޖެޓު ލިބިފައިވޭތޯ ނޫސްވެރިން ސުވާލު އުފެދިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބަށް ބަޖެޓެއް ފާސްކޮށްދީފައި ކަމަށާއި ނަމަވެސް އެ ބަޖެޓަކީ ދެވަނަ ބުރަކަށް ބޭނުންވާ ވަރަށް ފައިސާ ހުރި ބަޖެޓެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެންވެ ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ބަޖެޓު ތައްޔާރުކޮށްފައި ކަމަށެވެ.

"އެ ބަޖެޓަށް ގާތްގަނޑަކަށް 44 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކޮމިޝަނަށް ލަފާކުރެވެނީ. މި ބަޖެޓު ހޯދުމަށްޓަކައި އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއަށް ލިޔާނަން،" ހަބީބު ވިދާޅުވެފައިވެއެވެ.

ހަބީބު ވިދާޅުވެފައިވަނީ އޮފިޝަލުންނާއި ވޯޓު ކަރުދާހުގެ ކަންތައްތަކަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީ އެ ބަޖެޓު ނުލިބި ދެވަނަ ބުރުގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި 44 މިލިއަން ރުފިޔާގެ އެ ބަޖެޓު ފިނޭންސުން ދޫކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.