އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އައްނަސްރާއި އީރާނުގެ ޕާސިޕޯލިސް އަންގާރަ ދުވަހު ކުޅުނު މެޗު ފަސޭހަކަމާއެކު އައްނަސްރު ދޭއް ސުމަކުން ކާމިޔާބުކޮށްފިއެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގެ މަޝްހޫރު އާޒާދީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ނިމެންދެންވެސް ޑޮމިނޭޓްކުރީ އައްނަސްރުންނެވެ. ޕާސިޕޯލިސް އާއި އިންޑިޔާގެ ގޯއާ ކުޅުނު މެޗެއްގައި ހިނގި ކަންތައްތަކާ ގުޅިގެން އޭއެފްސީން ވަނީ ސަޕޯޓަރުން ނުވައްދައި މި މެޗު ކުޅުމަށް ނިންމައިފައެވެ. އެހެންވީމާ އައްނަސްރާއި ޕާސިޕޯލިސްގެ މި މެޗު ކުޅުނީ އެއްވެސް ސަޕޯޓަރަކު ނެތިއެވެ.
އައްނަސްރަށް މި މެޗު ސްޓާޓްކުރި ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޑިއޯ މާނޭ އަދި މެންޗެސްޓަރ ސިޓީގެ ކުރީގެ ޑިފެންޑަރު ލަޕޯޓާ ހިމެނުނެވެ. މާނޭ އާއި ރޮނާލްޑޯއަށް ލަނޑުޖަހަން ވަރަށް ގިނަ ފުރުސަތު ލިބުނެވެ. އައްނަސްރުގެ ފުރަތަމަ ގޯލަކީ ޕާސިޕޯލިސްގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ. އަނެއް ގޯލް ޖަހައިދިނީ ޑިފެންޑަރު ގާސިމެވެ. މެޗުގެ ބޮޑު ބައެއް ޕާސިޕޯލިސް ފުރިހަމަކުރީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ތަޖިކިސްތާނުގެ އިސްތިގުލާލާއި ގަތަރުގެ އައްދުހައިލް އަންގާރަ ދުވަހު ވާދަކުރި މެޗު ތަޖިކިސްތާނުގައި ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންވީމާ ރޮނާލްޑޯގެ އައްނަސްރު އިއްޔެ ހޯދި މޮޅާއެކު މި ގްރޫޕްގެ އެއްވަނަވެސް ލިބިފައިވަނީ އައްނަސްރަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު