ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ނުކުޅޭތާ އެކާވީސް އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އެނބުރިއައިސް އަންގާރަދުވަހުގެރޭ އިޓަލީގެ އޭސީ މިލާނާ ދެކޮޅަށް ކުޅެ އިންގްލެންޑުގެ ނިއުކާސަލް ސުމެއް ސުމަކުން އެއްވަރުކޮށްފިއެވެ. މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ޑޮމިނޭޓްކުރީ މިލާނެވެ. ނިއުކާސަލްގެ ހީރޯއަކަށްވީ ގޯލް ކީޕަރު ނިކް ޕޯޕެވެ. ފުލުފުލުގައި އޭނާ ދިޔައީ މިލާނުގެ ހަމަލާތައް މަތަކުރަމުންނެވެ. މިއީ ގްރޫޕް އެފްގެ މެޗެކެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޖާރމަނީގެ ބޮރޫޝިއާ ޑޯޓްމުންޑް ދޭއް ސުމަކުން ބަލިކޮށް ފްރާންސްގެ ޕީއެސްޖީ ވަނީ އެއްވަނައަށް ޖެހިލައިފައެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ލަނޑުޖަހައިދިނީ ކީލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީއެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި އިޓަލީގެ ލާޒިއޯ އާއި ސްޕޭނުގެ އެރުޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. ލާޒިއޯގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ މެދުތެރޭގައި އެތުލެޓިކޯގެ ބެރިއޯސް ޖެހި ލަނޑުން އެޓީމު މޮޅުވެގެން ނިމޭނެކަމަށް ހީކުރެވިފައިވަނިކޮށް ލާޒިއޯއަށް އެއްވަރުކުރެވުނީ އިންޖަރީ ޓައިމްގެ ފަސްވަނަ މިނިޓް ތެރޭގައި ޕްރޮވޮޑެލް ޖަހައިދިން ގޯލަކުންނެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ސްކޮޓްލެންޑުގެ ސެލްޓިކާ ވާދަކޮށް އަމިއްލަ ދަނޑުގައި ދޭއްސުމަކުން މޮޅުވެގެން ހޮލެންޑުގެ ފޭނޫޑް ވަނީ ތާވަލްގެ އެއްވަނައަށް އަރައިފައެވެ. ލަނޑު ޖެހީ ސްޓެންގްސް އާއި އީރާނުގެ ޖަހާންބަޚުޝެވެ. ފަހު ހާފުގެ މެދުތެރޭގައި ސެލްޓިކްގެ ދެ ކުޅުންތެރިޔަކަށް ރަތްކާޑު ދެއްކުމާ ގުޅިގެން އެ ޓީމުން މެޗު ފުރިހަމަކުރީ ނުވަ ކުޅުންތެރިންނާއެކީގައެވެ.