ރާއްޖޭގައި ޕާޓީ ސިސްޓަމް އޮންނަން ފެނޭތޯ ބެލުމަށްޓަގައި އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްނުކޮށް މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ބެހޭގޮތުން، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރަށް އިސްލާހެއްގެ ގޮތުގައި، ރާއްޖޭގައި ސިޔާސީ ޕާޓީ ސިސްޓަމް އޮވޭތޯ ބެލުމުގެ ވޯޓެއް ނެގުމަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.
އޭނާ ވިދާޅުވީ އެއީ ވަަރަށް ހެޔޮ ނިޔަތެއްގައި ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. ނިޒާމީ ވޯޓުގެ ކުރިން ރާއްޖޭގައި ނަގަން ޖެހެނީ ޕާޓީ ސިސްޓަމް އޮންނަ ކަމަށް ބެލުމުގެ ވޯޓެއް ކަމަށްވެސް ވިދާޅުވިއެވެ.
އާމިރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ރިޔާސީ ނިޒާމެއް ބާއްވަން ކަނޑައެޅީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ނަމަވެސް، ޕާޓީ ސިސްޓަމް ތައާރަފު ކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަކާ ނުލައި ރައްޔިތުންގެ މަޖިލީހުންނެވެ.
އެހެންކަމުން ފުރަތަމަ ކުރަން ޖެހޭނީ ޕާޓީ ސިސްޓަމް އޮންނަން ފެނޭތޯ ބެލުމުގެ ވޯޓު ކަމަށްވެސް ވިދާޅުވިއެވެ.
އާމިރުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު އައުމަކީ ވެރިކަމުގެ ނިޒާމުގެ މައްޗަށް ވިޔަފާރިވެރިންގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ވެރިކަން އަވަސް އަވަހަށް ބަދަލުވުމުގެ ބިރު އޮތްކަމަށް ވެސް މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ވިދާޅުވިއެވެ.
މި އިސްލާހު ފާސްކުރަން ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން އިސްލާހު ފާސްކުރަން ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. އިސްލާހު ފާސްކުރަން ބޭނުންވަނީ 15 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު