މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނުގެ ޝަކުވާއަށް އަންނަ ހުކުރު އަދި ހޮނިހިރު ދުވަސް ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމައިފިއެވެ.

ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު ބަންދުވީ، އާދިއްތަ ދުވަހުއެވެ. އެ ދުވަހާ ހަމައަށް 47،000 ވުރެ ގިނަ މީހުން ވަނީ ރީ-ރަޖިސްޓާވުމަށް ހުށަހަޅައިފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "ވަން" އަށް މިއަދު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުނުހާ އަވަހަކަށް ޝަކުވާއަށް ހުޅުވާލާނެ ކަމަށެވެ.

އެގޮތުން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ޝަކުވާއަށް ހުޅުވާލުމަށްފަހު ރީ-ރަޖިސްޓްރޭޝަންގެ ދާއިމީ ލިސްޓް އާދިއްތައިގައި އާއްމު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ، އަންނަ ހޯމަ އަދި އަންގާރަ ދުވަހު އީސީއިންނާއި ކެންޑިޑޭޓުން ލިސްޓުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަންނަ ބުދަ ދުވަހު ލިސްޓުތަކާއި ވޯޓު ކަރުދާސްތައް ރަށްތަކަށް ފޮނުވާނެ ކަމަށެވެ.