ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސްގެ ބަޔަކު ނެތް ރަށްތަކުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކުގައި ފުރަތަމަ އިޖާބަދޭ އިދާރާގެ ގޮތުގައި އެ ރަށެއްގެ ކައުންސިލު ހަމަޖެއްސުމާ ބެހޭ އުސޫލުތައް ކަނޑައަޅައި ގަވައިދެއް ގެޒެޓުކޮށްފިއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން "ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވާއިދު" ގެ ނަމުގައި މިއަދު ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރެއް ނުވަތަ ނުވަތަ ޑެސްކެއް ނެތް ރަށެއްގައި ގެވެށި އަނިޔާގެ މައްސަލަތަކަށް ފުރަތަމަ އިޖާބަދޭ ފަރާތްތެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖެންޑާ މިނިސްޓްރީ އާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކައުންސިލްތަކުންނެވެ.
އެގޮތުން ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭނީ ފުލުހުން ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރުން ނުވަތަ މިނިސްޓްރީ އިރުޝާދު ދޭ ގޮތެއްގެ މަތިން ކަމަށް ވެސް ގަވާއިދުގައިވެއެވެ.
- ރައްކާތެރިކަން ބޭނުންވާ ފަރާތަށް ވަގުތުން ރައްކާތެރިކަން ފޯރުކޮށްދިނުން
- ހުށަހެޅިފައިވާ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކޮށް ރެކޯޑުކުރުން
- މައްސަލައަކާ ގުޅޭ ފަރާތެއްގެ މައުލޫމާތެއް ބޭނުންވާ ނަމަ އެ މައުލޫމާތެއް ހޯދުން
- ފުލުހުން ނުވަތަ މިނިސްޓްރީން ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރަކުން އެދޭ އެހެން ކަންކަން ކޮށްދިނުން
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެދޭ ކަންކަން ކޮށްދިނުން.
އެ ގަވައިދުގައިވާ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ރަށު ތެރޭގައި ހިނގާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ނުވަތަ ފާހަގަކުރެއްވިއްޖެ ނަމަ ވަގުތުން ފުލުހުންނަށް އަންގަން ޖެހޭނެއެވެ. އަދި އެ ރަށެއްގައި ހިނގާ ގެވެށި އަނިޔާގެ ތަފާސް ހިސާބުތައް ބަލަހައްޓައި މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އަންގަން ޖެހެއެވެ.
މީގެ އިތުރުން ގެވެށި އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގައި މަދަނީ ޖަމާއަތްތަކުގެ އެހީތެރިކަންވެސް ހޯދަން ގަވައިދުގައި ބުނެފައިވެއެވެ.
ގަވައިދުގައިވާ ގޮތުން ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެނީ ކައުންސިލުގައި އެކަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުންނެވެ އަދި އެފަދަ މައްސަލަތަކުގައި ކައުންސިލުން މަސްއޫލިއްޔަތު އަދާކުރުމުގައި ލިބޭ އެންމެހާ މައުލޫމާތުގެ ސިއްރު އެ ކައުންސިލަކުން ހިފަހައްޓަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު