ބޮޑެތި ބަދަލުތަކެއް ހިމެނޭ އައިއޯއެސް 17 ނެރެފިއެވެ. ޔޫޒާ އިންޓަފޭސް އައިއޯއެސް 16 އާ އެއްގޮތްކަމެއް ހުރިނަމަވެސް، ފޯނުގެ ގިނަ އެޕްލިކޭޝަންތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ފާހަގަ ކޮށްލެވޭ އެއް ބަދަލަކީ ކޮންޓެކްޓް ލިސްޓްގެ ފޮޓޯއަށް ނުވަތަ ޕޯސްޓަރަށް ގެނެސްފައިވާ ބަދަލެވެ. މީގެ އިތުރުން އާ ފީޗާ ތަކެއްވެސް ހިމެނެއެވެ. އެޕަލްއިން ބުނީ ޔޫރަޕްގެ ގިނަ ސަރަހައްދުތަކެއްގައި އޮންލައިންކޮށް ޕްރޮސެސްކުރާ ލައިވް ވޮއިސްމެއިލްގެ ރިއަލް ޓައިމް ޓްރާންސްކްރިޕްޝަން ވެސް މިހާރު ފެންނާނެ ކަމަށެވެ.
މީގެ އިތުރުން އައިއޯއެސް ގައި ހިމެނޭ މަޝްހޫރު އެޕަލްގެ އެއާޑްރޮޕްއަށްވެސް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފައިލެއް ޝެއާކޮށް، ޝެއާޕްލޭ ސެޝަނެއް ފަށަން ނުވަތަ އެކުގައި ގޭމެއް ކުޅެން ބޭނުން ނަމަ މިހާރު ދެ ޑިވައިސް އެއްކޮށްވެސް ބޭނުން ކުރެވޭނެއެވެ. ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އެ ކުންފުނީގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ދޫކުރަމުންނެވެ. މިހާރު މި އަޕްޑޭޓް ރާއްޖެއަށްވެސް ލިބޭނެއެވެ. އެހެން ކަމުން ފަހުގެ އައިފޯނުތައް ގެންގުޅޭ ފަރާތްތަކަށް އައިއޯއެސް 17 މިހާރު އިންސްޓޯލް ކުރެވޭނެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އައިއޯއެސް 17 އާ އެކު މެކް އޯއެސް ސޮނޯމާ، އައިޕެޑް އޯއެސް 17، ޓީވީއޯއެސް 17 އަދި ވޮޗްއޯއެސް 10 ފަދަ އިތުރު ސޮފްޓްވެއާ އަޕްޑޭޓްތައް އެ ކުންފުނީގެ ޕްލޭނާ އެއްގޮތަށް އިއްޔެއިން ފެށިގެން އަންނަނީ ޑިވައިސްތަކަށް ދޫކުރަމުންނެވެ.
މި އަޕްޑޭޓްތަކުގެ ސަބަބުން އާ، ގިނަ، ފީޗާސްތަކެއް ލިބޭ އިރު އެޕަލްގެ ޑިވައިސްތަކުގައި މިހާރު ހުރި ގިނަ އެޕްލިކޭޝަންތަކާއި ހިދުމަތްތައް އިހުނަށްވުރެ ރަނގަޅުވެ އަވަސްވެގެން ދާނެއެވެ. އޭގެ ތެރޭގައި އާ ޖާނަލް އެޕްލިކޭޝަނާއި އެޕަލް މިޔުޒިކްގެ ކޯލަބްރޭޓިވް ޕްލޭލިސްޓްތައް ސާޗް ކުރެވޭ ތަފާތު ގޮތްތައް ހިމެނޭ ފީޗާއެއް ހިމެނެއެވެ. އައިއޯއެސް 17ގެ އިތުރުން މެކްއޯއެސް ސޮނޯމާއަށް ވެސް ވަނީ ފީޗާތަކެއް އިތުރުކޮށްފައެވެ. ފަހުގެ އަޕްޑޭޓް އިންސްޓޯލް ކުރުމުން އެ ބަދަލުތައް ފެންނާނެއެވެ.
ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުން ކުރަމުން އަންނަ އައިފޯންގެ މޮޑެލްތަކުގައި ބައެއް ފަރާތްތަކުން އައިއޯއެސް 17 ބީޓާ ޓެސްޓް ކުރަމުން އަންނަ ފަރާތްތަކުން ބުނާ ގޮތުގައި އައިއޯއެސް 17 އަކީ އެޕަލްގެ ވިޝަން ޕުރޯއާއި ގުޅުވައިލެވޭނެ ގިނަ ފީޗާސްތަކެއްވެސް ހިމެނޭ އޯއެސްއެކެވެ. އެހެން ނަމަވެސް ވިޝަން ޕުރޯ އަދި ގަންނަށް ލިބޭވަރުވާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.