ދުނިޔެ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނިކޮށް ޕޫޓިން އަންނަ މަހު ޗައިނާއަށް

މުހައްމަދު އައުޒަމް

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނިކޮށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އަންނަ މަހު ޗައިނާއަށް ދަތުރުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް ޕޫޓިން އަންނަ މަހު ޗައިނާގެ ރައީސް ޝީޖިން ޕިން އާއި މަޝްވަރާ ބައްދަލުވުމެއް ކުރިޔަށްގެންދެވުމަށް ޗައިނާއަށް ދަތުރު ކުރައްވަން ހަމަޖެހިފައިވާކަމަށް ރަޝިޔާގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕޫޓީން ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައި މިވާ ދަތުރުފުޅަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ޕޫޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނިކޮށް ރަޝިޔާއިން ބޭރަށް ޕޫޓިން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އައިސީސީން އެ އަމުރު ނެރެފައިވަނީ ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމައިގައި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެތައް ސަތޭކަ ކުޑަކުދީންނެއް ޔޫކްރެއިނުން ޑީޕޯޓު ކުރުމުން ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ރަޝިޔާއިން އެކަން ދޮގުކުރެއެވެ.

ރަޝިޔާގެ ސެކިއުރިޓީ ކަައުންސިލްގެ ސެކްރެޓަރީ ނިކޮލައި ޕަޓްރުޝެވް ވަނީ ޕޫޓިންގެ ދަތުރުފުޅަކީ ރަޝިޔާއާއި ޗައިނާއާ ދެ ގައުމު ދެމެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިލެޓްރަލް ޓޯކްސްތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފާހަގަކޮށްފައެވެ.

އަންނަ މަހު ޗައިނާގައި ކުރިޔަށްދާ ބެލްޓް އެންޑް ރޯޑް ފޯރަމްގައިވެސް ޕޫޓިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.