އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލްގައި ދިހަ ވިކެޓުން ސްރީލަންކާ ބަލިކޮށް އިންޑިޔާ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ އިންޑިޔާ މި މުބާރާތް ކާމިޔާބުކުރި 8 ވަނަ ފަހަރެވެ.

ސްރީލަންކާއަކީ އެންމެފަހުގެ ޗެމްޕިއަން ކަމަށްވެފައި މުބާރާތް ކުޅުނީވެސް ސްރީލަންކާގައި ކަމަށްވާތީ ފެވަރިޓުންގެ ގޮތުގައި ބެލެވިފައިއޮތީ ސްރީލަންކާއެވެ. އެކަމަކު އިންޑިޔާއާ ދެކޮޅަށް ފައިނަލްގައި ނުކުމެ އެންމެ ފުރަތަމަ ކުޅެންއަރައި 15.2 އޯވަރު ތެރޭގައި އެންމެން ނުބައިވެގެން ދެވުނީ އެންމެ 50 ލަނޑެވެ. މިއީ އެއްދުވަހުގެ ބައިނަލްއަގުވާމީ ކުރިކެޓްގައި ސްރީލަންކާގެ ދެވަނައަށް އެންމެ ދަށް ސްކޯއެވެ.

ސްރީލަންކާ ލަދުގަންނަވައިލުމުގައި އެންމެ މުހިންމު ދައުރެެއް އަދާކުރީ އިންޑިޔާގެ ބާރު އުކުންތެރިޔާ މުހައްމަދު ސިރާޖެވެ. އޭނާވަނީ 21 ލަނޑަށް 6 ވިކެޓް ނަގައިފައެވެ. މީގެތެރެއިން ހަތަރު ވިކެޓް ނަގާފައިވަނީ އެއްއޯވަރުގެ ތެރޭގައެވެ.

އިންޑިޔާ ކުޅެން އަރާފައި މޮޅުވެގެން ފޭބީ 6.1 އޯވަރުތެރޭ އެއްވެސް ކުޅުންތެރިޔަކު ނުބައިނުވެ 51 ލަނޑު ހަދައިފައެވެ. އިންޑިޔާއިން ކުޅުނީ 27 ލަނޑުހެދި ޝުބްމަން ގިލްއާއި 23 ލަނޑުހެދި އިޝާން ކިޝަންއެވެ.

އޭޝިއާ ކަޕްގައި މިފަހަރު ވާދަކުރި ޓީމުތަކުގެ ތެރެއިން ޕާކިސްތާނާއި ބަންގްލަދޭޝް ކެޓީ ސުޕަރފޯރ ސްޓޭޖުންނެވެ. އަފްޣާނިސްތާނާއި ނޭޕާލް ކެޓީ ފުރަތަމަ ބުރުންނެވެ. މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނައިން ތަށި ހޯދާފައިވަނީވެސް އިންޑިޔާއިންނެވެ. މި މުބާރާތަށަފަހު ދެން ބައިނަލްއަގުވާމީ ކަލަންޑަރުގައި މުހިންމު މުބާރާތަކަށް އޮތީ އަންނަ އޮކްޓޫބަރު އަށެއްގައި އިންޑިޔާގައި ފަށާ ވޯލްޑްކަޕް މުބާރާތެވެ.