Close Election
Close
ޚަބަރު

ކުރިއަށް އޮތް ތިން ހަފްތާއަށްވެސް ޔާމީންގެ މައްސަލަ ތާވަލުކުރުމުގެ ވިސްނުމެއް ހައިކޯޓަކު ނެތް: އިދިކޮޅު

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރި މައްސަަލައިގައި ދައުލަތުން އުފުލި ދައުވާތައް ސާބިތުވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް އޮތް ތިން ހަފުތާއަށްވެސް ހައިކޯޓުގައި ތާވަލު ކުރުމުގެ ވިސްނުމެއް އެ ކޯޓުން ނުގެންގުޅޭ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އިސްތިއުނާފީ ދެތިން އަޑުއެހުމެއް މިހާތަނަށް ބާއްވާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު ލަސްވާ ކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕުން މިއަދު ވަނީ ހައިކޯޓަށް ގޮސްފައެވެ.

ހައިކޯޓަށް ވަޑައިގަތުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ކުރިއަށް އޮތް ތިން ހަފުތާއަށްވެސް ރައީސް ޔާމީންގެ މައްސަަލަ އެޖެންޑާކުރުމުގެ ވިސްނުމެއް ހައިކޯޓުގެ ނެތް ކަމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެ މައްސަލަ ނުނިމޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އެނގުނީ ކުރިއަށް އޮތް ތިން ހަފުތާއަށް ބަލާއިރުވެސް އެޖެންޑާ ކުރުމުގެ ވިސްނުމެއް މިތާ ނެތްކަން. މިހެން ދަންނަވާލަން މި ޖެހުނު ސަބަބަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު 23 އިން ފެށިގެން އެބަ ޗުއްޓީ ނަންގަވާ. އަނެއްކާ ދެންމެ މި ލިބުނު މައުލޫމާތަކީ 25 ފެށިގެން ހައިކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި އެބަ ވަޑައިގަންނަވައޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރައީސް ޔާމީންގެ މައްސަލައަށް ސަރުކާރާއި ޖޭއެސްސީން ނުފޫޒު ފޯރުވާ ވާހަކަ މިއަދުވެސް ތަކުރާރުކުރައްވައިފައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު އަވަސްކޮށްދިނުމަށް އެދި ރިޔާސީ އިންތިހާބުގެ ކުރިންވެސް އިދިކޮޅު ލީޑާޝިޕުން ތަކުރާރުކޮށް ހައިކޯޓަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ޖޭއެސްސީގެ އިތުރުން ރައީސް އޮފީހަށްވެސް ވަޑައިގެންނެވި އެވެ.