މިދިޔަ މެއި މަހު ހއ. ދިއްދޫ ފަރަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖަކާއި ޓަގެއް އުރި އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ އުޅަނދުތަކުގެ ވެރިފަރާތް، އެޗުއާރުއެސް އިންފްރާޓެކް ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ދިއްދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލަ ބަރުކޮށްގެން ދިޔަ "ޓީބީ މޫތާ ޕްރިންސެސް" ޓަގު ބޯޓާއި "މޫތާ ޕްރައިޑް" ބާޖު އެ ރަށު ފަރަށް އުރުނީ މެއި މަހުގެ ދެވަނަ ދުވަހު އެވެ.
އެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ބާޖު ފުންކުރެވުނު ނަމަވެސް، ޓަގު ބޯޓު ފުންކުރެވުނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީއިން މެއި މަހުގެ 12 ވަނަ ދުވަހު އެ ސަރަހައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާއެކު ސާވޭކޮށް ބެލި ބެލިބެލުމުން އެ ފަރުގެ 4038 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ޖުމުލަ އަގަކީ 100.17 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައި ވާތީ އެޗުއާރުއެސް އިންފްރާޓެކް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން އިތުރަށް ބުނީ، އެ އުޅަނދުތައް ފަރަށް އަރައިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ.