ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގޮތަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން، އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތާއީދު ކުރައްވައިފިއެވެ.
އެ ގަރާރުގެ ބަހުސްގައި ޝިޔާމް ވިދާޅުވީ، ނިޒާމުގެ ވޯޓެއް ނެގީ މީގެ 16 އަހަރު ކުރިން ކަމަށާއި ނިޒާމުގައި ހުރި ގޯސްކަމަކީ ކޮބައިތޯ އަނެއްކާ ވެސް ރައްޔިތުން ކައިރި އެހުމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ.
"މި ނިޒާމުގައި ކޮބައިތޯ ގޯސް ކަމަކީ އަނެއްކާ ވެސް ރައްޔިތުން ކުރެ އަހާލުމަކީ އަޅުގަނޑު ހަމަ ތާއީދުކުރާ ކަމެއް. ރައްޔިތުން ކައިރިން އަހާލައިގެން ރައްޔިތުން ބޭނުންވާ ގޮތަކަށް އަނެއްކާ ކުރިއަށް ދިޔުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން، ރުހޭ ކަމެއް އިއްޒަތްތެރި ރައީސް," ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 21 ޕަސެންޓު މީހުން ވޯޓުނުލާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓުން ދައްކަނީ ރައީސް ޔާމީންއަށް ކުރަމުންގެންދާ އަނިޔާއާ ދެކޮޅޫކަން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރުން މިހާރަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ޝިޔާމް ގޮވައިލެއްވިއެވެ.