ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި މިސައިލެއްފަދަ ހިލޭ ޖެހުން އަމާޒުވީ ކެމެރާމަނެއްގެ ގަޔަށް!

އިމާދު ލަތީފު

ސައޫދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އައްނަސްރާއި އައްރާއިދު މި ހަފުތާގައި ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ފޮނުވާލި ބާރު ހިލޭޖެހުމެއް ކެމެރާމަނަކަށް އަމާޒުވެއްޖެއެވެ. ގޯލާ އަމާޒުކޮށް ރޮނާލްޑޯ ފޮނުވައިލި މިސައިލެއްފަދަ ބޯޅަ އަމާޒުވި ކެމެރާމަން އިނީ ސްޓޭޑިއަމްގެ ޓްރެކްމަތީގައި މެޗު ރިކޯޑު ކުރުމުގެ މަސައްކަތުގައެވެ.

ސައޫދީ ނޫސްތަކުން ސިފަކުރި ގޮތުގައި ރޮނާލްޑޯ ފޮނުވާލި ހިލޭޖެހުމަށްވުރެ ބާރު ހަމަލައެއް ކެމެރާމަނުގެ މުޅި ހަޔާތުގައިވެސް އޭނާގެ ގަޔަށް އަރައިފައެއް ނުވެއެވެ. މެޗުގެ ނަތީޖާއަށްވުރެ ބޮޑަށް މީޑިއާއިން ކަވަރުކުރީ ކެމެރާމަނަށް އަމާޒުވި ބޯޅައެވެ. މި މެޗު ތިނެއް އެކަކުން ކާމިޔާބުކުރީ ރޮނާލްޑޯގެ އައްނަސްރެވެ. ލަނޑުޖެހީ ސާޑިއޯ މާނޭ އާއި ޓަލިސްކާ އަދި ރޮނާލްޑޯއެވެ.

ސައޫދީ ލީގުގެ އައު ސީޒަނުގައި މިހާތަނަށް ހަމެޗުގައި ރޮނާލްޑޯ ވަނީ ހަތް ގޯލް ޖަހައިފައެވެ. މިހާރު ސްކޯރިން ޗާޓުގެ އެއްވަނަ ލިބިފައިވަނީވެސް ރޮނާލްޑޯއަށެވެ. ނިމިގެންދިޔަ ސީޒަނަށްވުރެ މި ސީޒަނުގައި ރޮނާލްޑޯގެ ވިދުން ގަދައެވެ. އެންމެ ގިނަ ގޯލް ޖެހުމުގެ އިތުރަށް އެންމެ ގިނަ އެސިސްޓް ހަދާފައިވަނީވެސް އޭނާއެވެ.

މި ސީޒަނުގައި ރޮނާލްޑޯގެ ކުޅުމަށް ގިނަބަޔަކު ތައުރީފުކޮށް އޭނާ ފޮލޯކުރަމުންދަނީ ނިމިގެންދިޔަ ސީޒަނުގައި ސައޫދީ ލީގުގައި ކުޅުނު ނަން މަޝްހޫރު ތަރިންނަށްވުރެ މި ސީޒަނުގައި ސައޫދީގައި ކުޅޭ ތަރިން ގިނަވުމާއި ވާދްވެރިކަންވެސް ބޮޑުވުމުންނެވެ. ބްރެޒިލްގެ ނޭމާރ އާއި ފްރާންސްގެ ބެންޒީމާ ފަދަ ތަރިންވެސް ތިބުމުންނެވެ. ރޮނާލްޑޯގެ ވިދުން ގަދަޔަސް މިވަގުތު ޖުމްލަ ބާރަ ޕޮއިންޓާއެކު އައްނަސްރު އޮތީ ތާވަލްގެ ހަވަނައިގައެވެ. އެއްވަނައިގައި އޮތީ ސޯޅަ ޕޮއިންޓް ލިބިގެން އަލްހިލާލެވެ. ސެނެގޯލްގެ ޑިފެންޑަރު ޚާލިދު ކުލިބަލީ އާއި ސާރބިޔާގެ ފޯވާޑް މިޓްރޮވިޗް ކުޅެނީ އަލްހިލާލަށެވެ.