ދުނިޔެ

އދ. ގެ ޖެނެރަލް އެސެމްބްލީގައި މިފަހަރު އޮންނާނީ ކޮންކަމެއް؟

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ ތިންވަނަ އަންގާރަޔަކީ އދ. ގެ ކަލަންޑަރުގައި ވަރަށްވެސް ޚާއްސަ ދުވަހެކެވެ. އެދުވަހަކީ އދ. ގެ ޖެނެރަލް އެސެމްބްލީ ނުވަތަ އާއްމު މަޖިލީހުގެ އަހަރީ ބައްދަލުވުން ފަށައިގެން އެކި ގައުމުތަކުގެ ވެރިން ތަގުރީރު ކުރައްވަން ފައްޓަވާ ދުވަހެވެ. މިހަފުތާގެ އަންގާރަޔަކީ ކުރިއަށްމިދާ ސެޕްޓެމްބަރު މަހުގެ ތިންވަނަ އަންގާރައެވެ. އެހެންވީމާ އެދުވަހަކީ މިއަހަރުގެ ޖެނެރަލް އެސެމްބްލީ ފަށާ ދުވަހެވެ. މިއަހަރު ބާއްވަނީ ޖެނެރަލް އެސެމްބްލީގެ ތާރީޚުގައި 78 ވަނަ ސެޝަނެވެ. މި ސެޝަން ކުރިއަށްދާނީ މި ހަފުތާގެ އަންގާރައިން އަންނަ ހަފުތާގެ އަންގާރައަށެވެ. މި ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަތޭކަ ފަންސާހަށްވުރެ ގިނަ ލީޑަރުން އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާނެއެވެ.

މީގެތެރެއިން ގިނަ ބޭފުޅުން ޖެނެރަލް އެސެމްބްލީގެ މަޝްހޫރު މާލަމުގައި ތަގުރީރު ކުރައްވާނެއެވެ. އދ. ގެ ހެޑްކުއާޓަރު ހުންނަނީ ނިއުޔޯކުގައެވެ. ޖެނެރަލް އެސެމްބްލީއަކީ އދ. ގެ ކަލަންޑަރުގައި ކޮންމެ އަހަރަކުވެސް އެންމެ ގިނަބައެއްގެ ސަމާލުކަން ލިބޭ ބައްދަލުވުމެވެ. މިއަހަރުގެ ސެޝަން މިބާއްވަނީ މޫސުމީ ބަދަލުތަކާއި ހަނގުރާމަޔާއި ހައިހޫނުކަން ފެތުރުމާއި ކާބޯތަކެތީގެ އަގު އުފުލުމާއި މިހެންގޮސް ލައްކަ ގިނަ ކެކުޅުންތަކެއްގެ އުދާސްތައް ދުނިޔެއަށް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މިއަހަރުގެ ސެޝަން ކުރިއަށްދާނީ އިތުބާރު އަލުން ގާއިމުކުރުމާއި އެކުވެރިކަން އާލާކުރުމާއި ވިހިތިރީހުގެ އެޖެންޑާގެ ލަނޑުދަނޑިތައް ހާސިލްކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމާއި ތަރައްގީއާއި ދުޅަހެޔޮކަމާއި ސުލްހަވެރިކަމަށް އަމާޒު ހިފުމުގެ ޝިއާރެއްގެ ދަށުގައެވެ. ގަބޫލުކުރެވޭ ގޮތުން އެންމެ ބޮޑު ސަމާލުކަމެއް ލިބޭނީ ޔުކްރޭނުގެ ހަނގުރާމައަށެވެ. އެންމެ ބޮޑަށް ކުށްވެރި ކުރެވޭނީ ރަޝިޔާއެވެ.

ޖެނެރަލް އެސެމްބްލީއަކީ އދ. ގެ އެންމެހައި މެންބަރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ދަރުބާރެވެ. އެންމެން އެއްތަންވެގެން އެންމެހައި ވާހަކަތައް ގޮވައި ދުނިޔޭގެ ސަމާލުކަމަށް ގެންނަ ދަރުބާރަކީ މި ދަރުބާރެވެ. މިތަނުން ނިންމުންތައްވެސް ނިންމާނެއެވެ. މެންބަރު ގައުމުތަކުގެ ވޯޓުންނެވެ. އެކަމަކު އެއީ އަމަލުކުރުން ލާޒިމު ގަރާރުތަކެއް ނުވަތަ ނިންމުންތަކެއް ނޫނެވެ. މި ނިންމުންތަކުން ފެންނާނީ އެކި ކަންކަމުގައި ދުނިޔޭގެ ރައުޔު އޮންނަ ގޮތެވެ. އަޣުލަބިއްޔަތު ބޭނުންވާ ގޮތެވެ. އދ. ގެ އަހަރީ ބަޖެޓާއި ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްހަ ބެލެހެއްޓުމަށް އދ. އިން ހިންގާ ހަރަކާތްތަކުގެ ބަޖެޓް ފާސްކުރާނީވެސް ޖެނެރަލް އެސެމްބްލީންނެވެ. ކުޑައެއް، ބޮޑެއް، ފަގީރުކަމެއް، ތަނަވަސްކަމެއް ނުބަލައި އެންމެން އެއްހަމައެއްގައި ތަމްސީލުކުރެވޭ ދަރުބާރަކީވެސް މި ދަރުބާރެވެ.

މިފަހަރުގެ ސެޝަން ފަށާއިރު މި ސެޕްޓެމްބަރުން އަންނަ އަހަރުގެ ސެޕްޓެމްބަރަށް ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ބަލަހައްޓަވާނީ ކެރީބިއަންގެ ގައުމެއް ކަމަށްވާ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޑިޕްލޮމޭޓެއް ކަމަށްވާ ޑެނިސް ފްރާންސިސްއެވެ. ޖެނެރަލް އެސެމްބްލީގައި އެންމެ ފުރަތަމަ ތަގުރީރު ކުރައްވާނީ އޭނާއެވެ. ގައުމުތަކުގެ ވެރިންގެ ތެރެއިން އަބަދުވެސް އެންމެ ފުރަތަމަ ތަގުރީރު ކުރައްވަނީ ބްރެޒިލްގެ ރައީސެވެ. އެހެންވީމާ މިފަހަރު އެކަން ކުރައްވާނީ ރައީސް ލޫލާ ޑަސިލްވާއެވެ. ޖެނެރަލް އެސެމްބްލީ ކުރިއަށް ގެންދަނީ އެމެރިކާގެ ފަސްގަނޑުގައި ކަމަށްވާތީ ދެވަނައަށް ތަގުރީރު ކުރައްވާ ވެރިޔަކީ އެމެރިކާގެ ރައީސެވެ. އެގޮތުން މިފަހަރު ރައީސް ޖޯ ބައިޑެންއެވެ. އޭނާ މަސައްކަތް ކުރައްވާނީ ދުނިޔޭގެ ލީޑަރަކީ އަދިވެސް އެމެރިކާކަން ދެއްކެވުމަށެވެ. ޗައިނާއަށް ބަހުގެ ހަމަލާތައް އަމާޒު ކުރެއްވުމުގައެވެ.

އެމެރިކާގެ ރައީސްގެ ތަގުރީރަށްފަހު ދެން ތަރުތީބު ކަނޑައަޅަނީ ދުނިޔޭގެ އެކި ސަރަހައްދުތައް ހަމަހަމަވާ ގޮތަކަށާއި ގައުމުތައް ތަމްސީލު ކުރައްވަން ވަޑައިގެން ތިއްބަވާ ވެރީންގެ ދަރަޖަޔަށާއި އަދި ތަގުރީރު ކުރައްވަން އެދިވަޑައިގަންނަވާ ތަރުތީބަކަށް ރިއާޔަތް ކުރުމަށްފަހުއެވެ. ޖެނެރަލް އެސެމްބްލީގެ އެންމެ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ދުނިޔޭގެ ސަތޭކަ ފަންސާހަކަށް ގައުމުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އދ. ގެ މެންބަރު ގައުމުތަކުގެ އަދަދަކީ 193 އެވެ. އޭގެތެރެއިން އދ.ގެ އެންމެ މުހިންމު ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން އެމެރިކާ ފިޔަވައި އެހެން ގައުމުތަކުގެ އެންމެ އިސްވެރިން މިފަހަރުގެ ސެޝަނުގައި ބައިވެރިވެވަޑައެއް ނުގަންނަވާނެއެވެ.

ޔުކްރޭނުގެ ހަނގުރާމަ ފެށުނުފަހުން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ގައުމުން ބޭރަށް ވަޑައެއް ނުގަންނަވައެވެ. އެގޮތުން މިފަހަރުވެސް އޭނާ ނިއުޔޯކަށް ދަތުރުފުޅެއް ނުކުރައްވާނެއެވެ. ބަދަލުގައި ރަޝިޔާ ތަމްސީލު ކުރައްވާނީ ޚާރިޖީ ވަޒީރު ލަވަރޯފެވެ. ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ މި ސެޝަނަށް ވަޑައިގެން ތަގުރީރު ކުރައްވާނެއެވެ. އަދި ސަލާމަތީ މަޖިލީހުގައިވެސް ތަގުރީރު ކުރައްވާނެއެވެ. އޭގެ މާނަޔަކީ ލަވަރޯފާއި ޒެލެންސްކީ އެއްފަހަރަށްވުރެ ގިނައިން އެއްތަނެއްގައި، އެއް ބައްދަލުވުމެއްގައި ތިއްބަވާން ޖެހިވަޑައިގަތުމެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ފޮރުވައި މަތި އޮމާންކުރުމަށްޓަކައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ނިއުޔޯކަށް ވަޑައިގެން މި ސެޝަނުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.