ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ވެރިކަން ކުރާނެ ނިޒާމަކާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ތާއީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއިން ދެވަނަ ބުރަށްދިޔަ ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީޕީއާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެބޭފުޅުން ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
ރައީސް މިއަދު ހަވީރު ކެމްޕޭނަށް ދޮރުން ދޮރަށް ކުރިއަށް ގެންދެވި ހަރަކާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ގުޅުއްވައި އެ ޕާޓީން ކުރިއަށް ދެވިދާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"ރައީސް ނަޝީދު ބޭނުންފުޅުވަނީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނަގަން. 30 ގެ ކުރިން. އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ. ހިނގާށޭ ވޯޓަށް ފަހުގައި ތިކަމާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ޑޭޓަކާ ދޭތެރޭގައިވެސް ވާހަކަދެއްކިން. ދައްކާފައި އެ ހުށަހެޅުން ހުށަހަޅާފައި ވާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ނިޒާމީ ވޯޓާ ގުޅޭ ގަރާރު ފާސް ކުރުމަށްފަހު އެމަނިކުފާނަށް ތަންފީޒު ކުރައްވަން ފޮނުއްވުމުން، ވޯޓް ނަގާނެ ތާރީހެއް އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށްވެސް ނަޝީދަށް ދަންނަވާފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ނިޒާމީ ވޯޓް ނަގަން ހުށަހަޅާނީ ނޮވެމްބަރު 17 ގެ ކުރިން ކަމަށެވެ.
"އޭރުން އަޅުގަނޑު ލިޔުމަކުން އިލެކްޝަން ކޮމިޝަނަށް ދަންނަވާނަމޭ މިވެނި ތާރީހެއްގައި އެ ވޯޓް ނަގައިދޭން. އޭރަށް އޮންނާނީ ދުވަސްވެސް ކަނޑައެޅިފައި. އެހެންވީމަ ރިޔާސީ އިންތިހާބު ނިމުނީމަ އެކަން ކުރެވޭނެ ގޮތްތަކެއް އަޅުގަނޑު ހޯދައިދީފައި ބާއްވާނަމޭ. އެ ހުށަހެޅުން އަޅުގަނޑު ހުށަހަޅާފައިވާނީ. އޭގެ ފަހުން ޖަވާބެއް އެކޮޅުން ނުލިބޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެބޭފުޅުން ގުޅުއްވައިގެން ވާހަކަދެއްކެވީ ވަރަށް ދުވަސް ފަހުން ކަމަށާއި ފުރަތަމަ ވެސް ރަނގަޅަށް ކުރިއެކޭ އެއްގޮތަށް ވާހަކަތައް ދެއްކެވުނު ކަމަށެވެ. އުޅުއްވަނީ ސިޔާސީ ހިޔާލުތަފާތުވުން ތަކެއް ކަމަށާއި އިއްޔެ ދެކެވުނީ އެ ވާހަކަތައް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައިވެސް ހުށަހަޅާފައިވާނީ ރިޔާސީ އިންތިހާބަށްފަހު ނިޒާމީ ވޯޓެއް ނެގުމަށް ކަމަށެވެ. ކޮންގްރެސްގައި އެގޮތަށް އެއްބަސްވެފައިވާ ކަމަށްވެސް އިބުރޭ ވިދާޅުވިއެވެ.
"އެމްޑީޕީގެ ކޮންގްރެސްގައި ނިޒާމީ ވޯޓްގެ ވާހަކަތައް ދެކެވުމުން، އެފަހަރު އެއްބަސްވެފައިވެސް އޮންނާނީ ނިޒާމީ ވޯޓެއް ނަގާނީ ރިޔާސީ އިންތިހާބަށް ފަހުގައި ކަމަށް. މިއަދު ދެކެވެމުން އެދަނީ އެވާހަކަ،" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ ޕާޓީން މިހާރުވެސް ނިންމާފައިވަނީ އެގޮތަށް ކުރިއަށް ދިއުމަށް ކަމަށެވެ. ރިޔާސީ އިންތިހާބަށްފަހު ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން މިހާރުވެސް ތާއީދު ކުރާ ކަމަށާއި ކުރިއަށްދާނީ އެގޮތަށް ކަމަށް އިބުރޭ ވިދާޅުވިއެވެ.
ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން އެމްޑީޕީއާ އެކު ކުރިއަށްދާން އަދި ނިންމާފައިނުވާ އިރު، ނިޒާމީ ވޯޓަކަށް ޕީޕީއެމުން ދެކޮޅު ހެދުމުން، ދަ ޑިމޮކްރެޓްސްއިން ވަނީ އެޕާޓީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓާލައިފައެވެ. އަދި އޭގެ ފަހުން ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށް މަޖިލިސް މެދުވެރިކޮށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ޔާމީން ވަނީ އެކަމަށް ދެކޮޅުހައްދަވައިފިއެވެ.
މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އަމަލު ކުރާނެ ގޮތެއް މިރޭ ހާމަ ކުރަން އެ ޕާޓީން ވަނީ ނިންމައިފައެވެ.
ނިޒާމީ ވޯޓެއް ނެގުމަށް މިދިޔަ ބުދަ ދުވަހު ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފައެވެ. ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރުގެ ބަހުސް، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އާއި މައިނޯރިޓީ ޕާޓީ ކަމަށްވާ އިދިކޮޅު ޕީޕީއެމްގެ އެއްބަސްވުމާއެކު އަވަސްކޮށް މާދަމާ ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.
އިލްޔާސް ލަބީބުގެ ގަރާރުގައި ވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ ނޮވެމްބަރު މަހުގެ 30ގެ ކުރިން ނެގުމަށް ގޮވާލައިފައެވެ.
ރާއްޖޭގައި ނިޒާމު ބަދަލުކުރުމަށް އެންމެ ފަހުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާފައިވަނީ 18 އޮގަސްޓް 2007 ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް އެ ވޯޓުން ނިންމާފައިވަނީ އޭރު އޮތް ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު