މާލެއަށް ރޭ ކުރި ވިއްސާރައިގައި ފެމިލީ ކޯޓުގެ އިމާރާތަށް ފެން ވަދެ، އެ ކޯޓުގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

މާލެއަށް ރޭ ހުއްޓުމެއް ނެތި ވަރަށް ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހިފައިވާއިރު، ފެމިލީ ކޯޓުން ރޭ 10:20 ހާއިރު ނެރެފައިވާ ނޯޓިހެއްގައި ބުނެފައިވަނީ، އެ ވިއްސާރާގައި އެ ކޯޓުގެ ހެންވޭރު އިމާރާތުގެ ސީލިންގުން އިމާރާތުގެ އެތެރެއަށް ފެން ވަދެ، މަސައްކަތް ނުކުރެވޭ ވަަރަށް އެ ތަނަށާއި ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ އެ އިމާރާތުން ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް މެދުކަނޑާލައިފައިވާ ކަމަށް ބުންޏެވެ.

އެ ނޯޓިހުގައި ބުނީ، އެ ކޯޓުން ކޮންމެހެން ދޭންޖެހޭ ބައެއް ހިދުމަތްތައް ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކައިވެނި އަގުދުކޮށްދިނުމާއި ކައިވެންޏާ ގުޅުން ހުރި ފޯމުތައް ބަލައިގަތުމާއި ކައިވެންޏާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ސެޝަންތަކާއި ދަރިންގެ ހަރަދާއި އިއްދައިގެ ހަރަދާއި ޖޫރިމަނާ ފައިސާ ބަލައިގަތުން ޖަލްޓިސް ބިލްޑިންއަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

ފެމިލީ ކޯޓުގެ އިމާރާތަކީ ގާތްގަނޑަކަށް 40 އަހަރު ވެފައިވާ ދުވަސްވީ ތަނެކެވެ. އެ އިމާރާތައް މީގެ ކުރިންވެސް ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި ފެން ވަދެއެވެ.

ފެމިލީ ކޯޓު ބާވެފައިވާއިރު އެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިދިޔަ މާޗު މަހު ވަނީ ފަށައިފައެވެ.