ކުޅިވަރު

މެސީގެ ދައުރަށްފަހު ބާސެލޯނާގެ ދިގު އިންތިޒާރަށް ޓޮރެސް ނިމުމެއް ގެނެސްދީފި

އިމާދު ލަތީފު

ސީދާ ހިލޭޖެހުމަކުން ބާސެލޯނާއަށް އެންމެފަހުން ލަނޑެއް ޖަހައިދިނީ ކާކުބާވައެވެ. އެމީހަކީ 2021 ވަނަ އަހަރު ވެލެންސިއާއާ ދެކޮޅަށް ސީދާ ހިލޭޖެހުމަކުން ގޯލެއް ކާމިޔާބުކުރި އާޖެންޓީނާގެ ލިއޯ މެސީއެވެ. އެއީ މީގެ ދެ ސީޒަން ކުރިއެވެ.

އޭގެ ފަހުން ލިއޯ މެސީ ވަނީ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ދެ ސީޒަން ކުޅެފައެވެ. އަދި މިއަހަރު ޕީއެސްޖީ ދޫކޮށް އެމެރިކާގެ އިންޓަރ މަޔާމީއަށް ބަދަލުވެފައެވެ. ފާއިތުވެގެންދިޔަ ދުވަސްތަކުގައި މެސީގެ ކާމިޔާބު ހިލޭޖެހުންތައް ބާސެލޯނާގައި ނުފެނި ދިއުމަށްފަހު މި ހަފުތާގައި ފެރާން ޓޮރެސް ވަނީ އެ އިންތިޒާރަށް ނިމުމެއް ގެނެސްފައެވެ. ސްޕޭނުގެ ލީގުގައި ރެއާލް ބެޓިސްެއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ޓޮރެސް ވަނީ އޭރިއާ ބޭރުން ލިބުނު ސީދާ ހިލޭޖެހުމެއް ގޯލަށް ވައްދާލައިފައެވެ.

ގާތްގަޑަކަށް ވިހި ޔާޑް ދުރުން ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަނީ މެސީގެ ގޯލަށް ފަހު މިގޮތަށް އެކާޅީސް ޝޮޓް ނާކާމިޔާވުމުގެ ސިލްސިލާއަކަށް ފަހުގައެވެ. ފެރާން ޓޮރެސްގެ ލަނޑާއެކު ބެޓިސްގެ މައްޗަށް ބާސެލޯނާ ކުރިހޯދީ އަމިއްލަ ދަނޑުގައި ފަހެއް ސުމެއްގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކުޅުނު ފަސް މެޗުން ތޭރަ ޕޮއިންޓް ހޯދައިގެން ބާސެލޯނާ މިވަގުތު އޮތީ ތާވަލްގެ އެއްވަނައިގައެވެ.

ބެޓިސްގެ މައްޗަށް ކުރިހޯދުމަށްފަހު ދެން އެންމެ އަވަހަށް ބާސެލޯނާއަށް އޮތީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ބެލްޖިއަމްގެ އެންޓެވާޕާއި ދެކޮޅަށް މިހަފުތާގެ އަންގާރަދުވަހުގެރޭ ކުޅޭ މެޗެވެ. ކޯޗު ޒަވީގެ އުންމީދަކީ ޗެމްޕިއަންސް ލީގުގައި މިފަހަރު މޮޅަށް ކުޅެ، ކާމިޔާބު ހޯދުމެވެ.