މިމަހުގެ 30 ވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، ރީ-ރެޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމު ތަކުގެ ތެރެއިން އެއްފަހަރާ ގިނަ އަދަދަކަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ރީ-ރެޖިސްޓްރޭޝަނަށް ހުށަހަޅާ ފަރާތްތަކާ ގުޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، "ރީ ރަޖިސްޓްރީ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ވާހަކަ ދަންނަވަން،" ކަމަށެވެ.
އަދި ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި ބުނީ، އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ އިއްޔެ މެންދުރުފަހު 03:00 އިން ފެށިގެން މާދަމާ މެންދުރުފަހު 04:00 ގެ ނިޔަލަށެވެ.
މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ މީހުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީ ކައުންސިލްތަކުގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މައި މަރުކަޒު (ދަރުބާރުގެ) އިންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމަށް އެދޭ ފޯމު އެކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.
ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާ އިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ފޯމު ހުށަހަޅާ އިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު