ދާހިލީ އަދި ހާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

"ދިވެހި ގައުމިއްޔަތުގެ ބިންގަލަކީ އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު. އަޅުގަނޑުމެންގެ ގައުމީ ވަހުދަތަކީ ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީގާއި ސަގާފަތުގެ އެއްގޮތް ކަން. ދިވެހި ގައުމިއްޔަތުގެ ކުރިބޯއްޓަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަން. އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމަކީ ދިވެހި ގައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ހިމާޔަތްކޮށް ރައްކާތެރިކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ ނިސްބަތުގައި، އެ ގައުމަކަށް އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ގައުމީ ދުވަހެއް ކަމަށެވެ. މިޖަޒީރާތަކުގައި މީހުން ވަޒަންވެރިވި ހިނދުން ފެށިގެން މިއަދާ ހަމައަށް ގައުމެއްގެ ގޮތުގައި މިރާއްޖެ ދެމިއޮތުމުގެ ސަބަބުތަކަކާއި ސިއްރުތަކެއްވާ ކަމަށާއި އެއީ އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ކަނޑައެޅި އަޒުމް ކަމަށާއި އެ އަޒުމުގެ މަތީގައި ދެމިތިބުމަށްޓަކައި، ދިވެހިން ކުރި މަސައްކަތާއި ވި ގުރުބާނީ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދުވެސް އަޅުގަނޑުމެން ދިވެހިން މިތިބީ ހަމަ އެ އަޒުމާއި އެ ސާބިތުކަމުގަ. ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަލަތެއް އަޅުގަނޑުމެންގެ ނެތް. ބައިނަލްއަގުވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގަ. ސިޔާސީ އަދި އިގުތިސޯދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާހިލީ އަދި ހާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް،" ރައީސް ވިދާޅުވިއެވެ.

މިއަދުވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދައިދީ، ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.