ސަރުކާރުން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދި ދެންމެ ވަނީ "ވަން" އަށް މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

މިފްކޯގެ ސީއީއޯ، އިސްމާއީލް ފައުޒީ ދާދި ދެންމެ "ވަން" އަށް ވިދާޅުވީ މާދަމާއިން ފެށިގެން އެ ކުންފުނިން މަސް ގަންނާނީ ބޮޑުކުރި އަގުގައި ކަމަށާއި އެކަން ވަރަށް އަވަހަށް މަސްވެރީންނަށް ވެސް އަންގަވާނެ ކަމަށެވެ.

"ތަފްސީލުތައް ވަރަށް އަވަހަށް އަޅުގަނޑުމެން ހާމަ ކުރާނަން. މާދަމާއިން ފެށިގެން ގަންނާނީ ބޮޑުކުރި އަގުގައި." އިސްމާއީލް ފައުޒީ ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނިން މަސް ގަންނަ އަގު ބޮޑުކުރަން ނިންމި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭގެ ވަގުތެއްގައި ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކެޔޮޅުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި 50 އަށްވުރެ ގިނަ ކެޔޮޅުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުން އޮތީ މާލޭގައެވެ.

މިފްކޯއިން މިހާރު މަސް ގަންނަ އެންމެ ބޮޑު އަގަކީ 17 ރުފިޔާ އެވެ. އެއީ ދޮޅުކިލޯއިން ފެށިގެން މަތީގެ ބަރުދަން ހުންނަ މަހެވެ.