ވިޔަފާރި

މިފަހަރު ނެރުނު އައިފޯނު މާބޮޑަށްވެސް ތަފާތު، މިއޮތީ އެވާހަކަ!

އާދަމް ނަސީރު

މިފަހަރު ނެރުނު އައިފޯނު 15 އާއި އޭގެ ކުރީގެ 14 އާ މާބޮޑު ތަފާތެއް ނެތްކަމަށް ހީވެދާނެއެވެ. ބަލާ ބެލުމަށް ދެ ފޯނުގެ ސިފަ ވައްތަރު ކަމުންނެވެ.

އެހެން ނަމަވެސް އައިފޯންތަކުގެ ހުރިހާ މޮޅުކަމެއް ހިމެނޭ އައިފޯން 15 ޕްރޯ ފޯނުތަކުގައި ޓައިޓެނިއަމް ހިމެނޭއިރު މިއީ އައިފޯން 15 ޕްރޯ އަތަށް ލިބުމާއެކު ފާހަގަ ކުރެވޭނެ ބޮޑު ބަދަލެކެވެ. އާ ފޯނުގެ ބަރުދަނުގައި 6.6 އައުންސް ހުންނައިރު، އައިފޯން 14 ޕްރޯގެ ބަރުދަނަކީ 7.3 އައުންސް އެވެ. އެހެން ކަމުން މިފަހަރުގެ ފޯނު އަތަށްވެސް ލުއިކަން ފާހަގަ ކުރެވޭނެވެ.

ހަމައެކަނި ލުއި ބަރުދަނަށްވުރެ މާ ގިނަ ކަންތައްތަކެއް ޓައިޓެނިއަމް ހިމެނުމުން ފޯނަށް އާދެއެވެ. އެގޮތުން އެޕަލްގެ އައިފޯން 15 ޕްރޯ ފްރޭމްގައި އެލްމިނިއަމް ހިމަނާފައިވާއިރު، މިއީ ހޫނު ނައްތައިލުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެލްމިނިއަމް ހިމެނުމާއެކު، ކުރިމަތީގައި ހުންނަ ސެރަމިކް ޑިސްޕްލޭ އާއި ފޯނުގެ ފަހަތު ބިއްލޫރި ފުރިހަމަ ކުރުމުން މި ފޯނު އިތުރަށް ވަރުގަދަ ވެގެން ދެއެވެ.

މިފަހަރުގެ އެޕަލް އައިފޯނުގައި އަލަށް ޔޫއެސްބީ-ސީ ޕޯޓެއް ހިމެނެއެވެ. މި ބަދަލާއި އެކު ފޯނުން ޑޭޓާ ޔޫއެސްބީ 3 މެދުވެރިކޮށް މާ އަވަހަށް ޓްރާންސްފާ ކުރެވޭނެއެވެ. އަވަސް ސްޕީޑް ލިބޭއިރު ފޯނުގައި ހުންނަ 1 ޖީބީގެ ފިލްމެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެޅޭނެއެވެ. ވަކިން ހާއްސަކޮށް އެޕަލް އިން ބުނާ ގޮތުގައި އައިފޯން 15 ޕްރޯ އަކީ 10 ޖީބީޕީއެސްގެ ގާބިލުކަން ލިބިފައިވާ އެއްޗަކަށް ވާއިރު، މިއީ ކުރިއަށްވުރެ 20 ގުނަ ބާރު ސްޕީޑެކެވެ. ފޯނުން ގިނަ ފޮޓޯތަކާއި ވީޑިއޯ ޓްރާންސްފާ ކުރަން ޖެހިއްޖެ ނަމަ މި ބަދަލުގެ އަގުވަޒަން ކުރާނެ އެވެ.

އައިފޯން 15 ޕުރޯގައި ހިމެނެނީ 48އެމްޕީގެ މައި ކެމެރާ ސެންސަރެކެވެ. އެ ޓެޓްރަޕްރިޒަމް ޓެލެފޮޓޯ ލެންސް ހިމެނޭ އައިފޯން 15 ޕްރޯ މެކްސްއަށް މާ ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ކޮމްޕިއުޓޭޝަނަލް ފޮޓޯގްރަފީ ހިމެނޭ މި ކެމެރާސިސްޓަމްގެ ސަަބަބުން އައިފޯނު 14 އަށްވުރެ ހުރިހާ ގޮތަކުންވެސް މިފަހަރުގެ އައިފޯނު ކެމެރާތައް މޮޅުވާނެއެވެ. ފޮޓޯތައްވެސް ރީތިވާނެއެވެ. އަގުބޮޑު ކެމެރާތައް ގަނެގެން ކެމެރާމަނުން އެ ނަގާ ފެންވަރުގެ ފޮޓޯ އައިފޯން 15 ޕުރޯއިން ނެގޭނެއެވެ. އެޕަލް އިން ވައުދުވަނީ ޕޯޓްރެއިޓް ޝޮޓްތަކުގެ ކުލަތަކާއި ތަފްސީލުތައް ކުޑަ އަލިކަމެއް ލިބުނަސް ރަނގަޅު ކުރާނެ ކަމަށެވެ. މިއީ އައިފޯން 15 ޕްރޯގައި ހިމެނޭ ބޮޑު މައި ސެންސަރުގެ ސަބަބުން އަންނަ ކަމަށް ބެލެވޭ ބަދަލެކެވެ. އެކަމަކު މިހާރު ފޯނު ސްމާޓް ވެފައި، މީހެއްގެ ފޮޓޯ ނަގަން އުޅޭ ވަގުތު ދެނެގަނެ، ޕޯޓްރެއިޓް މޯޑަށް އަމިއްލައަށް ބަދަލުވާނެއެވެ. ކުރީގެ ފޯނުތަކުގައި ޕޯޓްރެއިޑް ފޮޓޯ ޖެހޭނީ ވަކިން ސެލެކްޓުކުރާށެވެ.

އައިފޯން 15 ޕްރޯގައި އެކްޝަން ބަޓަނެއް ޖަހާފައި ހުރުމުން އަދިވެސް ފޯނު ސައިލެންޓް ކުރެވޭނެއެވެ. ނަމަވެސް އެއަށްވުރެ ގިނަ ކަންތައްތަކެއް ވެސް ކުރެވޭގޮތް މިފަހަރު ވަނީ ހަދާފައެވެ. އެގޮތުން ފޯނުގެ ޓޯޗްލައިޓާއި ކެމެރާއާއި ވޮއިސް ރެކޯޑަރާއި މެގްނިފިކޭޝަން އެޕް ދިއްލުން ފަދަ ކޮމާންޑްތައް ކުރިއަށް ގެންދިއުމަށް އެކްޝަން ބަޓަން ކަސްޓަމައިޒް ކުރެވޭނެ އެވެ. އެކްޝަން ބަޓަން ފިއްތާލުމުން ޓްރިގާ ކުރާނެ ކަންތައްތައް އިތުރަށް ކަސްޓަމައިޒް ކުރުމަށް ފޯނުގައި ހުންނަ ޝޯޓްކަޓްސް އެޕް ބޭނުން ކުރެވިދާނެ އެވެ. އެހެންކަމުން މުހިންމު ގޮތެއްގައި އެޕަލްއިން ވަނީ އެއް ޒަމާނެއްގައި ހަމަ އެކަނި ފޯނު ސައިލެންޓް ކުރުމަށް ބޭނުން ކުރި ބަޓަނަށް ބޮޑު ބަދަލެއް ގެނެސްފައެވެ.