ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި މިދިޔަ ހުކުރުދުވަހުގެރޭ ދަންވަރު މޮރޮކޯގެ މެދުތެރޭ ސަރަހައްދަށް އައި ބިންހެލުމަކީ ފާއިތުވި ދޮޅު ގަރުނެއްހައި ދިގު ތާރީޚުގައި އެ ހިސާބަށް އައިސްފައިނުވާފަދަ ބާރުގަދަ ނުރައްކާތެރި ހެލުމެކެވެ. މިހާތަނަށް ކަށަވަރުކުރެވިފައިވާ ގޮތުން މަދުވެގެން ތިންހާސް މީހުން ވަނީ މަރުވެފައެވެ. އެހައި ގިނަ މީހުން މަރުވުމުގެ ސިއްރަކީ ބިންހެލުން އައި ވަގުތެވެ. ރޭގަނޑު އެގާރަގަޑި އެގާރައިގައެވެ. ގިނަބަޔަކު ތިބީ ގޭގައެވެ. ނިދާފައެވެ. ނުވަތަ ނިދަން ތައްޔާރުވުމުގައެވެ. ބިންހެލުމުގެ އަސްލު ހުރީ އެޓްލަސް ފަރުބަދަތަކުގެ އަޑިން އަށާރަ ކިލޯމީޓަރު ފުނުގައެވެ. މޮރޮކޯގެ ތާރީޚީ ސަހަރެއްކަމަށްވާ މުރާކިޝްގެ ހުޅަނގު ދެކުނުން ސާޅީސްހަތަރު މޭލު ދުރުގައެވެ. މި ހެލުމުގެ ސިއްރަކީ އެފްރިކާ އާއި ޔޫރަޕުގެ ޕްލޭޓްތައް އެކަތި އަނެކައްޗާ މުޑިއަރައި ފިތުމެވެ.
މޮރޮކޯގައިވާ އަދި މުޅި އެފްރިކާ ބައްރުގައިވެސްވާ އެންމެ އުސް އަދި އެންމެ ދިގު ފަރުބަދަ ސިލްސިލާއަކީ އެޓްލަސް ފަރުބަދަތަކެވެ. މި ފަރުބަދަތައް އުފެދި އުފުލެމުން ދިޔުމުގެ ސިއްރަކީވެސް ކުރިން ބަޔާންކުރެވުނު ދެ ޕްލޭޓްގެ މުޑިއެރުމާއި ފިތުމެވެ. ހަގީގަތަކީ މިއީ ކަމަށްވިޔަސް ފަހުގެ ތާރީޚުގައި މޮރޮކޯއަކީ ބާރުގަދަ ހެލުންތައް އާއްމު ގައުމެއް ނޫނެވެ. ބިންހެލުންތައް ތަޖުރިބާކުރާ ގައުމެއް ނޫނެވެ. އެފްރިކާ އާއި ޔޫރަޕުގެ ޕްލޭޓް އެކަތި އަނެކައްޗާއި ފައްތަރުވެ ފިތެމުންދަނީ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އަހަރަކު ހަތަރު މިލިމީޓަރުގެ ސްޕީޑުގައެވެ. މިކަމުގެ ސަބަބުން އުފެދޭ ޕްރެޝަރުގައި ގިނަ ބިންހެލުންތައް އަންނަނީ މިއަށްވުރެ މާ އިރުއިތުރުން އިޓަލީ އާއި ގްރީސް އަދި ތުރުކީވިލާތަށެވެ. އެޓްލަސް ފަރުބަދަތައް އޮންނަނީ ހިމޭންކޮށެވެ.
މޮރޮކޯއަކީ އެފްރިކާ ބައްރުގެ އެންމެ ހުޅަނގު އުތުރެވެ. އަރަބިބަހުން މަޣުރިބު ކިޔަނީވެސް އެހެންވެގެންނެވެ. އިސްލާމީ ދުނިޔޭގެ އެންމެ ހުޅަނގު ކަމަށްވުމުންނެވެ. މިހިސާބަށް އައިސްފައިވާ ލޮޅުންތަކުގެ ތާރީޚަށް ބަލާއިރު މިފަހަރުގެ ހެލުން އައި ހިސާބުގެ ވަށައިގެން ތިންސަތޭކަ މޭލުގެ ރޭޑިއަސްތެރޭގައި ހިމެނޭ ހިސާބަކަށް ރިކްޓަރ މިންގަނޑުން ހަޔަކަށް އެރި ނުވަތަ އެވަރުގެ ބާރުހުރި އެހެން ހެލުމެއް ނަވާރަސަތޭކައިގެ އަހަރުތަކަށް ފެށުނުފަހުން އައިސްފައެއް ނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހިސާބުގެ މީސްތަކުން ދިރިއުޅެމުންއައީ ބިންހެލުމެއް އަތުވެދާނެކަމުގެ ފިކުރެއް ނެތިއެވެ. ގެދޮރު ބިނާކުރަމުންއައީ މާބޮޑު ފަރުވާތެރިކަމެއް ނެތިއެވެ. މިވަރުގެ ބިންހެލުމެއް ތަޖުރިބާކޮށްފައިވާ އެކަކުވެސް މިހިސާބުގައި ދިރިއެއް ނޫޅެއެވެ.
ބިންހެލުން ތަޖުރިބާނުކުރާ ސަރަހައްދެއްގައި އިމާރާތްތައް ހުންނާނީ ބިންގަނޑަށް އަންނަ ގުޑުމަކުން ނުވަތަ ލޮޅުމަކުން އަސަރުނުކުރާ ގޮތަކަށް ނޫނެވެ. އަލަށްހަދާ އިމާރާތްތަކުގެ ފެންވަރުވެސް ރަނގަޅެއް ނުވާނެއެވެ. މޮރޮކޯއަށްވެސް މިފަހަރު ދިމާވީ މިކަހަލަ ގޮތެކެވެ. ގިނަ އިމާރާތްތައް ވެއްޓި ފުނޑުފުނޑުވީ އެހެންވެގެންނެވެ. އެންމެފުރަތަމަ ލޮޅުމުގައި ހަލާކުވި ގިނަ އިމާރާތްތައް ވެއްޓުނީ ފަހުން އައި ކުދިކުދި ލޮޅުންތަކުގައެވެ. ރޭގަނޑުގެ ދަންގަޑިއެއްކަމުން ގިނަބަޔަކު ގޭގޭގައި ތިބުމަކީ މަރުވި މީހުންގެ އަދަދު މަތިވުމުގެ އެއްސަބަބެވެ. އިމާރާތެއް ވެއްޓި ފުނޑުފުނޑުވާއިރު އެ އިމާރާތެއްގެ ތެރޭގައި ތިބި ބަޔަކު ސަލާމަތްވުމަކީ ވަރަށް ނާދިރު ކަމެކެވެ. ދާދިފަހުން މިއަހަރު ތުރުކީވިލާތަށް އައި ހެލުމުގައިވެސް ގިނަބަޔަކު މަރުވުމުގެ ސިއްރަކީ ހެލުންއައި ވަގުތެވެ.
ބިންހެލުމާއި ސުނާމީއާއި ސައިކްލޯންފަދަ ކާރިސާތައް އާއްމުނޫން ތަންތަނުގައި އިމަޖެންސީއަކަށް ތައްޔާރުވެގެން ތިބުން އެހާ ފުރިހަމައެއް ނުވާނެއެވެ. ޖަޕާނާއި އިންޑޮނީޝިޔާ، ފިލިޕީންސާއި ޗައިނާ، އީރާނާއި ތުރުކީ އަދި ގްރީސް އާއި އިޓަލީ އަދި އެމެރިކާ ފަދަ ގައުމުތަކުގައި އިމަޖެންސީތަކަށް އަބަދުވެސް ތިބެނީ ހޭލައި ތައްޔާރުވެގެންނެވެ. މޮރޮކޯގައި އެކަން އޮތީ ތަފާތުކޮށެވެ. އެހެންވުމުގެ ނަތީޖާއެއްގެ ގޮތުން އިމަޖެންސީ ޓީމުތައް ފޮނުވައި މީހުން ސަލާމަތްކުރުމާއި އެހީތެރިވުމުގެ ކަންކަން ފަށައިގަނެވުނީ ތަންކޮޅެއް ލަހުންނެވެ. މިޒާތުގެ މާބޮޑު ތަޖުރިބާތަކެއް ލިބިފައި ނެތުމުންނެވެ. ބިންހެލުމުގެ އަސަރުކުރި އެންމެ ބޮޑު ސަހަރު ކަމަށްވާ މުރާކިޝްގެ ހާލަތަކީވެސް އެއީއެވެ. މުރާކިޝްއަކީ ގައުމުގެ ހަތަރުވަނައަށް އެންމެ ބޮޑު ސަހަރެވެ.
މޮރޮކޯއަކީ ފަގީރު ގައުމެއް ނޫނެވެ. އަދި މުއްސަނދި ގައުމެއްވެސް ނޫނެވެ. މެދުފަންތީގެ ގައުމެކެވެ. މިވަރުގެ ކާރިސާއެއް ކުރިމަތިވެ މިވަރުގެ ބޮޑު ގެެއްލުމެއް ކުރިމަތިވީމާ އެކަމުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާނެއެވެ. އެހީތައް މިހާރު ދަނީ ލިބެމުންނެވެ. އެކަމަކު އެހީތެރިކަން ހޯދުމުގައި މޮރޮކޯއިން މިންގަޑެއް އެބަގެންގުޅެއެވެ. ހަގީގީ ރަހުމަތްތެރިންނާއި އެނޫން ފަރާތްތައް ތަފާތުކުރުމުގެ މިންގަޑެކެވެ. ފްރާންސް ހިމެނެނީ އެހީތެރިކަން ގަބޫލުކުރަން މޮރޮކޯ ބޭނުންނުވާ ގައުމުތަކުގެ ތެރޭގައެވެ. އެހީތެރިކަން ގަބޫލުކުރީ ހަތަރު ގައުމަކުންނެވެ. އިނގިރޭސިވިލާތާއި ސްޕޭނެވެ. ދެން ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. ފްރާންސްގެ އެހީތެރިކަން ނުހޯދުމަށް ނިންމީ ދެގައުމުގެ ގުޅުން ގޯސްކަމާއި އިތުބާރުގެ ކަންފުޅެއްވެސް ނެތުމުންނެވެ.