ޚަބަރު

މިހާރު އޮތީ ނޫސްތައް އަޅުވެތިވާ މޮޑެލެއް، ބަޖެޓުން ހޭދަކުރާ ގޮތަށް ގާނޫނު އިސްލާހުކުރާނަން: މުއިއްޒު

ވެރިކަން ލިބިއްޖެ ނަމަ ނޫސްވެރިކަމުގެ ދާއިރާ މިނިވަންކުރުމަށް ދައުލަތުގެ ބަޖެޓުން ވަކި ޕަސަންޓެއް އެ ދާއިރާއަށް ކަނޑައަޅާ ގޮތަށް ހެދުމަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ. މަހިބަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މީޑިއާތައް މިހާރު ހިންގަމުންދާ މޮޑެލަކީ، "އަޅުވެތި" މޮޑެލެއް ކަމަށެވެ.

ޑިމޮކްރަސީއެއް ވަރުގަދަ ކުރުމާއި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މީޑިއާ ކަމުގައި ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ސަރުކާރުން މީޑިއާއަށް ނުފޫޒު ފޯރުވާހާ ހިނދެއްގައި ނޫސްވެރިކަން ކުރިނާރާނެ ކަމަށެވެ.

"..، ނޫސްވެރިކަމުގެ ދާއިރާ އަޅުވެތި ކުރެވިފައި މި އޮންނަނީ. ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން މިހާރު ވެއްޖެއްޔާމު ރައީސް އޮފީހުން ފައިސާ ދޭ ވާހަކަވެސް އަޑުއިވޭ. އެގޮތަށް އެހެންވަންޏާމު ނުވަތަ ސަރުކާރުގެ ބާރުގެ ތެރޭގައި ނޫސްވެރިކަމަށް ނުފޫޒު ފޯރުވާ ގޮތަށް އޮތީމަ ކުރިއަކަށް ނާރާ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ސަރުކާރު ޒިންމާދާރުކޮށް، ނޫސްވެރިން ކުރާ ބުރަ މަސައްކަތުގައި ފުރިހަމަ އެހީތެރިކަން ދޭ ރައީސަކަށް އޭނާ ވާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ނޫސްވެރިކަމަށް ހޭދަކޮށް، ތައުލީމީ ގޮތުން ނޫސްވެރިންނަށް ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވާނެ ވިދާޅުވިއެވެ.

"ދައުލަތުގެ ބަޖެޓުން މިހާރު ސިޔާސީ ޕާޓީތަކަށް ވަކި އިންސަތައެއް ދޭ ގޮތަށް މި އޮންނަނީ. އެހެންވީމާ، ގާނޫނަށް ބަދަލު ގެނެސްގެން، ދައުލަތުގެ ބަޖެޓުން ވަކި އިންސަތައެއް އެއީ، ނޫސްވެރިކަމަށް [ނުވަތަ] ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް، އެ ފަރާތްތަކަށް ފައިދާވާ ގޮތަށް ނޫސްވެރިކަމަށް ދައުލަތުގެ ބަޖެޓުން ވަކި އިންސަތައެއް ދޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުށަހަޅާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މީޑިއާތަކަށް ދައުލަތުގެ ބެޖެޓުން ފައިސާ ދޭ ގޮތަށް ހެދުމުން، ނޫސްވެރިކަމުގެ ދާއިރާ މިނިވަންކަމާއެކު ތަރައްގީވެގެންދާ ތަން ފެންނާނެ ކަމަށެވެ. އަދި އެއާއެކު އެއްވެސް ފަރާތެއްގެ ނުފޫޒު ނުހިނގާ ދާއިރާއަކަށް އެ ދާއިރާ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް ބެޖެޓުން ފައިސާ ދޭނެ ގޮތަށް އިސްލާހު ހުށަހަޅާނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ދައުލަތުގެ ބަޖެޓުން ނޫސްތަކަށް ފައިސާ ދޭނެ ކަމަށް ވިދާޅުވިއެވެ.