ކުރިން އެންގުމަކާ ނުލައި ވެރިރަށް މާލޭގައި އެއްވުން މަނާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނަށް ގެނެސްފައި އޮތް އިސްލާހު އުވާލަން ހުށަހަޅާފައި އޮތް ބިލު ފާސްކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލުއަގުވާމީ މުއާހަދާތަކުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި ކުރިން އެންގުމަކާ ނުލައި، ހުއްދަ ހޯދުމެއް ނެތި އެއްވުން މަނާކޮށްފައި ވަނީ ގާނޫނުއަސާސީއާއި މުއާހަދާތަކާ ހިލާފަށް ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު މިހާރު ހަނިކޮށްފައިވަނީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ އާއި އައިސީސީޕީއާރުގެ ޖެނެރަލް ކޮމެންޓް 37 އާ ތައާރަޒުވާ ގޮތަށް ކަމަށެވެ.
ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ސަރަހައްދު ނޫން ސަރަހައްދަކަށް އެއްވުން މަނާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ. އެ މާއްދާ އުވާލުމުގެ ބިލު 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.